ޚަބަރު

މެޑިކަލް ސްކޫލަށް ބޭނުންވާ ސާމާނު ހޯދަނީ


ރާއްޖޭގައި ޤާއިމްކުރާ މެޑިކަލް ސްކޫލްގެ ސްކިލްސް ލެބަށް ބޭނުންވާ ސާމާނު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެޑިކަލް ސްކޫލް ހުޅުވަންވާއިރަށް އެތަނަށް ބޭނުންވާ ފަންނީ އާލާތްތަކާއި ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން މައުލޫމާތުދެއެވެ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިއަދުވީ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ ސްކިލްސް ލެބް ނުވަތަ އަމަލީ ތަޖުރިބާ ހޯދުމުގެ މަސައްކަތްކުރާ ލެބަށް ބޭނުންވާ މެނިކުއިންއާއި، ފަންނީ އާލާތްތަކާއި ސާމާނު ހޯދުމަށް ހަމަޖެހިފައިވެއެވެ. 

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ މެޑިކަލް ސްކޫލަށް ބޭނުންވާ ހުރިހާ އާލާތް ހޯދުމަށް މިމަހުގެ ތެރޭގައި ބިޑް އިވެލުވޭޓްކޮށް ކޮންޓްރެކްޓް ތަކުގައި ސޮއިކުރާނެކަމަށެވެ.

"މި މަސްތެރޭގައި މިބަލަނީ މީގެ ހުރިހާ ބިޑްތަކެއް އިވެލުވޭޓްކުރެވި އަޅުގަނޑުމެންނަށް ކޮންޓްރެކްޓްތައް ހަވާލުކުވެރިގެންދާނެކަމަށް މެޑިކަލް ސްކޫލަށް ބޭނުންވާ ހުރިހާ އިކްވިޕްމަންޓުތަކުގެ. ދެން މެޑިކަލް ސްކޫލުގެ މަސައްކަތާ ބެހޭގޮތުން އަޅުގަނޑުމެންނަށް ވަރަށް ސުވާލު އެބަ އާދޭ ކޮންއިރަކުތޯ ހުޅުވޭނީ؟. އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން މި އަންނަނީ މިއަހަރުގެ ޖުލައިއާ ހިސާބަށޭ އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މެޑިކަލް ސްކޫލުގެ ފުރަތަމަ ބެޗް ފެށުމަށް." މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ އަލީ ފަވާޒް ޝަރީފް ވިދާޅުވިއެވެ.



ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރާ މެޑިކަލް ސްކޫލް ޖުލައި މަހުގެތެރޭގައި ހުޅުވަން މަސައްކަތް ކުރަމުންދާއިރު، ސްކޫލުން ހިންގާނެ ކޯސްތައް ފަރުމާކުރުމާއި މޮޑިއުލްތައް ހެދުމާއި އަދި ފަންނީ އާލާތާއި އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތް ޔުނިވަރސިޓީން ދަނީ ކުރަމުންނެވެ.