ޚަބަރު

މި އަހަރުގެ ރެހެންދި އެވޯޑް ތިން ކަނބަލަކަށް


"ރެހެންދި އެވޯޑް" މިއަހަރު 3 ކަނބަލަކަށް ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގއި ބޭއްވި ހާއްސަ ޖަލްސާގައި މި އެވޯޑް ލިބުނު ފަރާތަކަށް އެވޮޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުއެވެ. 

"ރެހެންދި" ގެނަމުގެ ނަމުގައި ސަރުކާރުން އަންހެނުންނަށް ޚާއްޞަ އެވޯޑެއް ދޭން ނިންމީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެއާއިއެކު 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިއެވޯޑް ސަރުކާރުން އަންނަނީ ދެމުންނެވެ. މިހާތަނަށް 18 އަންހެން ކަނބަލަކަށް މި އެވޯޑް ލިބިފައިވެއެވެ.

މި އަހަރު ރެހްނެދި އެވޯޑް ހާސިލުކުރެއްވި ކަނބަލުން:

* އަދާކުރާ ވާޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން 

 އައިމިނަތު ވަހީދާ 

އައިމިނަތު ވަހީދާ ވަނީ ސިއްހީ ދައިރާގައި ނަރުހެއްގެ ގޮތުން މެދުކެނޑުމެއްނެތި 49 އަހަރު ހިދުމަތްކުރައްވާފައެވެ. އަދި މިހާރުވެސް ދަނީ ޚިދުމަތް ކުރަމުންނެވެ.

img:http://s2.psmnews.mv/images/660x400/15205037148462.jpg|

އައިމިނަތު ވަހީދާއަކީ 1969 ވަނަ އަހަރުންފެށިގެން ސިއްޙީދާއިރާގައި ނަރުހެއްގެ ޚިދުމަތް ދެމުންގެންދާ ކަނބަލެކެވެ. ސިއްޙީދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ބަލާއިރު، 1969 ވަނަ އަހަރު ނާރސް އެއިޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު، 1986 ގައި ސީނިއަރ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މީގެ އިތުރުންވެސް ނަރުހުންގެ އެކި ދާއިރާތަކުގައި ވަހީދާ ވަނީ މަސައްކަތް ކޮށްފައެވެ. ނަރުހެއްގެ ހައިސިއްޔަތުން ވަހީދާ ކޮށްދީފައިވާ މުހިއްމު މަސައްކަތްތަކަށް ބަލާއިރު  1969 ގައި ސަރުކާރުގެ ހޮސްޕިޓަލްގައި މަދު ވަސީލަތަކާއެކު ކުޑަ ޓީމަކާއެކު މަސައްކަތް ކޮށްފައިވާއިރު ޤައުމަށްދިމާވާ ކޮންމެ ކުއްލިހާލަތެއްގައި އެންމެ އިއްސަފުގައި ނަރުހެއްގެ ޚިދުމަތް ދީފައިވެއެވެ. އަދި ރާއްޖޭގައި ބްލަޑް ސަރވިސްގެ ޚިދުމަތް ދޭން ފެށުމާގުޅިގެން އެކަމުގައިވެސް އިސްކޮށް ހަރަކާތްތެރިވެފައިވެއެވެ. އަދި މިހާރުވެސް ވަހީދާ އަންނަނީ ސިއްޙީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. ވަހީދާއަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު ނޮވެމްބަރު 3 ގައި ކުރި ޚިދުމަތުގެ އަޤުވަޒަންކުރުމުގެ ގޮތުން ސަރުކާރުންދެއްވާ ހަނދާނީލިޔުމާއި، 2014 ވަނަ އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ނަރުހެއްގެގޮތުގައި މެދުކެނޑުމެއްނެތި ޚިދުމަތްކުރައްވާފައިވާތީ އައިޖީއެމްއެޗުންވެސް ވަނީ އެކަމުގެ އަޤުވަޒަންކޮށްފައެވެ.



މިދާއިރާއިން ދެން އެވޯޑް ޙާސިލްކޮށްފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސްފާތިމަތު ނަޝްވާ އެވެ.

ފާތިމަތު ނަޝްވާވަނީ ދިވެހި ފުލުހެއްގެ ހައިސިއްޔަތުން ދިވެހި ޤައުމަށް 22 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައެވެ. މީގެއިތުރުން މުޖުތަމަޢު ރައްކާތެރި ތަނަކަށް ހަދައި، ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ހެދުމަށްޓަކައި ނަޝްވާގެ އިސްނެގުމާއެކު އިޖްތިމާޢީ ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އަދި މުޖުތަމަޢުގައި ހިނގާ ނޭދެވާ ޢަމަލުތައް ހުއްޓުވައި ޢާއްމުންގެ ހެލުންތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ނަޝްވާގެ ދައުރުވަނީ ފެނިގެން ގޮސްފައެވެ. ނަޝްވާ ހޯދާފައިވާ ކާމިޔާބުތަކަށް ބަލާއިރު، މިނިވަން ފަންސާސް މެޑެލާއި ފުލުހުންގެ މެޑަލްގެ އިތުރުންވެސް ގިނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ.



އަންހެނުން އާއްމުކޮށް ކޮށްނޫޅޭ މަސައްކަތުގެ ދާއިރާއިން އެވޯޑް ލިބުނު ކަނބަލަކީ ޒޫނާ ނަސީމްއެވެ.

ޑައިވިން ދާއިރާގައި މަސައްކަތްކުރާ ޒޫނާ ނަސީމް ވަނީ 8000 ވުރެ ގިނަ ޑައިވްކޮށް 11000 ވުރެ ގިނަ މީހުންވަނީ ތަމީރުނުކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/15205037032927.jpg|ރެހެންދި އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން-

މި ދާއިރާއިން ޒޫނާ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ޒޫނާއަކީ އަންހެނުން ޑައިވިންގެ ދާއިރާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަނބަލެކެވެ. ޒޫނާ ވަނީ ޑައިވިންގެ ދާއިރާގައި މެދުކެނޑުމެއްނެތި 23 އަހަރު ޚިދުމަތްކޮށްފައެވެ. އަދި މިހާރުވެސް ދަނީ މިދާއިރާގައި ޚިދުމަތް ކުރަމުންނެވެ.

މި އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ކަނޑައެޅި ކޮމިޓީގައި ފަސް މެމްބަރުން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.