ކުޅިވަރު

މެޗު އުނދަގޫވީ ބަންގާޅު ޓީމުގެ ފިޒިކަލް ވަރުގަދަ ކަމުން: އޮސްކާ


ނިއުރޭޑިއަންޓް އުއްމީދު ކުރިވަރަށްވުރެ އޭއެފްސީ ކަޕުގެ ފުރަތަމަ މެޗު އުނދަގޫވީ އިދިކޮޅަށް ކުޅުނު ބަނގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ފިޒިކަލީ ވަރުގަދަވުމުން ކަމަށް ނިއުއިން ބުނެފިއެވެ.

އަލީ ފާސިރު (ސެންޓޭ) ޖެހި ހަމައެކަނި ލަނޑުން މޮޅުވި ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ މެޗުގައި ފެށުން އެހާ ރަނގަޅު ނުވިޔަސް ތިން ޕޮއިންޓް ލިބުމުން އުފާކުރާ ކަމަށެވެ.

"އަހަރުމެންނަށް މެޗުގެ ފުރަތަމަ 20 މިނިޓް ވަރަށް އުނދަގޫވި. އެމީހުން ފިޒިކަލީ ވަރަށް ވަރުގަދަކަމުން. އެކަމަކު އަހަރުމެން މެޗު ކޮންޓްރޯލްކޮށް ފުރުސަތު ހޯދިން. ދެ ވަނަ ހާފުގައި މެޗު ކުރިއަށް ދިޔައީ އެގޮތަށް. އެމީހުންގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން އެމީހުންނަށް މެޗުގެ ފަހު 30 މިނިޓް އުނދަގޫވި. އަހަރުމެން މިތިބީ ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހިފައި،" މިދިޔަ ސީޒަނުގެ ފަހު ތިން ތަށި ނިއު އަށް ހޯދައިދިން ކޯޗު ބުންޏެވެ.

އަބްހާނީގެ ކޯޗު ސައިފުލް ބަރީ ޓީޓޫ ބުނީ އޭނާގެ ޓީމު ބަލިވީ ފޯވަޑުންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެން ކަމަށެވެ. މި މެޗުގައި އެ ޓީމުގެ ނައިޖީރިއާ ފޯވަޑް ސަންދޭ ޗިޒޯބާއަށް ނިއުރޭޑިއަންޓް ލަނޑު ޖެހުމުގެ ކުރިން ރަނގަޅު ދެ ފުރުސަތު ލިބުނެވެ.

"އެއީ ގޯލު ޖެހެންވާ ބޯޅަތަކެއް. އަހަރުމެންނަށް ދިމާވާ މައްސަލައަކީ ލަނޑު ނުޖެހުން. އަނެއްކާވެސް ފުރުސަތު ލިބި ރާއްޖޭގެ ޓީމެއް އަތުން އަހަރުމެން (ބަނގްލަދޭޝް) މިވަނީ ބަލިވެފައި. މިއީ ގަބޫލު ކުރެވޭނެ ކަމެއްނޫން،" ކޯޗު ބުންޏެވެ.

މި މުބާރާތުގައި މި ގްރޫޕުގައި ހިމެނޭ އިންޑިޔާގެ ދެ ޓީމު ކަމަށްވާ އައިޒަވަލް އާއި ބެންގަލޫރު އެފްސީ ކުޅޭނީ އަންނަ މަހުއެވެ.