ޚަބަރު

ޤައުމިއްޔަތުގެ އެންމެ މުހިންމު އަސާސަކީ މާތްވެގެންވާ އިސްލާމްދީން


ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އަސާސަކީ، މާތްވެގެންވާ އިސްލާމްދީންކަމަށާއި، ޤައުމިއްޔަތު ނިކަމެތިވެއްޖެނަމަ އެ ޤައުމެއް ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން  ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ނަމުގައި ވަކި ދުވަހެއް ފާހަގަކުރާއިރު، ޤައުމިއްޔަތުގެ ޙަޤީޤީ މާނައާއި މަސްދަރުތަކާމެދު ޤައުމީ ނަޒަރަކުން ވިސްނާލަންޖެހޭކަމަށެވެ. އެގޮތުން، ޤައުމިއްޔަތުގެ ފެށުމާއި ނިމުން ގުޅިފައި ވަނީ ޤައުމާކަމަށާއި، ޤައުމިއްޔަތުގެ އަސާސްތަކާއި، ސިފަތަކާމެދު ކޮންމެ ދިވެހިރައްޔިތަކުމެ ވިސްނާ، ފިކުރުކުރުން މުހިއްމުކަމަށެވެ. ހަމައެހެންމެ ބަވަނަވެފައިވާ މިފަދަ ދުނިޔެއެއްގައި ޤައުމުގެ ސުލްހަ މަސަލަސްކަމާއި، މިނިވަންކަން ދެމެހެއްޓުމުގައި ޤައުމިއްޔަތުގެ މުހިއްމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި އެންމެ ބޮޑަށް ގުޅި ލާމެހިފައިވަނީ ޤައުމިއްޔަތާއިކަމުން، ވަޠަންގެ ލޯބި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް އޮތުން މުހިއްމުކަމަށެވެ. އަދި ރާއްޖެއަށް އެކަނި ބަލާލުމުންވެސް، ދީނީގޮތުންނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އިތުރުވުންފަދަ ޤައުމިއްޔަތަށް ނުރައްކާވާފަދަ ސިފަތައް ފެންނަމުންދާކަމަށާއި މިއީ ދިވެހިން މިއަދު ވިސްނާ ފިކުރުކުރުން މުހިއްމުކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤައުމިއްޔަތަކީ އެއްބަޔަކު އަނެއްބަޔަކާ ތަފާތުކޮށް ދައްކައިދޭ ފަޚުރުވެރި ސިފަތައްވެސްމެ. ޤައުމިއްޔަތު ދިރިގެން އަންނަނީ އެއް ނަސްލަކުން ނިސްބަތްވާ ނުވަތަ އެއްކަހަލަ ސިފަތަކެއްގެ ސަބަބުން އެއްބައިވަންތަކުރުވައި، އެކުއެކީގައި އުޅުމުގެ ޝައުޤުވެރިކަން ރައްޔިތުންގެ ތެރޭގައި އުފެދިގެން އަންނަ ހިސާބުން. އެއްކަހަލަ ކަންކަމާއި ސިފަތަކުގެ ތެރޭގައި ނަސްލީ ސިފައާއި މާދަރީ ބަހުރުވައާއި، މާޒީވެ ގޮސްފައިވާ ތާރީޚާއި ޘަޤާފަތާއި އާދަކާދަތަކާއި، އަދި އެއް ސަރަޙައްދަކަށް އުފަންވެ، އެއް ބިމެއްގައި ދަރިފަސްކޮޅުތަކެއް ދެމިގެން ގޮސްފައިވުން ހިމެނޭ" ނާއިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، ޤައުމިއްޔަތަކީ އެއްބަޔަކު އަނެއްބަޔަކާ އޮންނަ ތަފާތު ދައްކައިދޭ ފަޚުރުވެރި ސިފަތަކެއްކަމަށާއި، ޤައުމިއްޔަތު ދިރިގެން އަންނަނީ އެއް ނަސްލަކަށް ނިސްބަތްވާ ނުވަތަ އެއްކަހަލަ ސިފަތަކެއްގެ ސަބަބުން އެއްބައިވަންތަކުރުވައި، އެކުއެކީގައި އުޅުމުގެ ޝައުޤުވެރިކަން ރައްޔިތުންގެ ތެރޭގައި އުފެދިގެން އަންނަ ހިސާބުންކަމަށެވެ. އަދި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ، ޤައުމިއްޔަތުގެ ބިންގަލާއި އަސާސްތައް ހަރުދަނާކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތު ފަނޑުވެ، ރެނދުލާން ފެށުމަކީ ޤައުމު ބަލިކަށިވެ ރޫޅިގެން ހިނގައިދާނެކަމެއްކަމަށާއި، އެހެންކަމުން އަޅުގަނޑުމެންގެ ހިތްތަކާއި، ސިކުނޑިތަކުގައި ޤައުމީ ލޯބި އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރުމަކީ ޤައުމީ ވާޖިބެއްކަމަށެވެ.

"މާޒީގެ ތާރީޚީ ކަންކަމާމެދު ޙަޤީޤީ މަޢުލޫމާތު ފެތުރުމާއި، ޤައުމުގެ އެތެރޭގައި ބައިބައިވުން އުފެދި، ފިތުނަފަސާދައަށް މަގުފަހިވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނެ. އަދި ނަމޫނާ ރައްޔިތަކަށް ވުމަށް ގޮވާލުމާއި، ހީވާގި މަސައްކަތްތެރިންނާއި އުފެއްދުންތެރިންގެ ވާހަކަތަކާއި، އިޖުތިމާޢީ ކަންކަމުގެ ހެޔޮ ވާހަކައާއި، އަދި މާޒީވެދިޔަ ތާނގައި ޤައުމީ ޖިހާދުތައް ކުރައްވާފައިވާ ބަޠަލުންގެ ޒިކުރާ، ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރުކުރަންޖެހޭނެ. ހަމައެހެންމެ، ޖަމާޢަތުގެ ރޫޙު ދިރުވައި އެކުވެރިކަން ބަދަހިކުރުމާއި، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަބާވެ، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރަން ދަސްކޮށްދިނުމަކީވެސް މިއަދު އަޅުގަނޑުމެންގެ ވާޖިބަކަށްވާންޖެހޭނެ" ނާއިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުގެ ވާހަކަފުޅުގައި، ދިވެހިންނަކީ ބައިނަލްއަޤްވާމީ މައިދާނުގައި ކަން ހިނގާގޮތުގެ މައްޗަށް ލޯ ހުޅުވިފައިވާ ބަޔަކަށްވުން މުހިއްމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމިއްޔަތަށާއި، ދިވެހިންގެ މިނިވަންކަމަށް ކުރިމަތިވެދާނެ ކޮންމެ ފަދަ ލޮޅުމަކުންވެސް މި ޤައުމު ސަލާމަތްކުރަން ސާބިތުކަމާއެކު ދެމިތިބި ބަޔަކަށްވުމަށްވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.