އިލެކްޓްރޯނިކްސް އަދިރޮބޮޓިކްސްގެ ދާއިރާ އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާއިބެހޭ ކޮންފަރެންސެއް ފަށައިފިއެވެ.
 
އެވިޑް ކޮލެޖުން ބާއްވާ މިކޮންފަރެންސަކީ އިލެކްޓްރޯނިކްސްއާއި ކޮމިއުނިކޭޝަންސް އަދި ކޮންޓްރޯލް އިންޖިނިއަރިންގެ އިތުރުން އޮޓޮމޭޝަން އަދި ރޮބޮޓިކްސްގެ ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވާ ކޮންފަރެންސެކެވެ. އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤު ރަޝާދު ވިދާޅުވީ މިއީ އެލެކްޓްރޯނިކްސްއާއި ރޮބޮޓިކްސްގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، މިދާއިރާ ކުރިއެރުވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ. މީގެ އިތުރުން މިދާއިރާގެ ފުރުސަތުތަކާއި ދާއިރާއަށް ޝައުގުވެރިކަން ހުރި މިންވަރު ބޭރުގެ މާހިރުންނަށް އަންގައިދިނުން ހިމެނޭކަމަށެވެ. 
 
"އެވިޑް ކޮލެޖުގެ ފަރާތުން އިންތިޒާމް ކޮށްފައިމިވަނީ ގްލޯބަލް އިންޓަރނޭޝަނަލް ކޮންފަރެންސެއް. އެއީ ރޮބޮޓިކްސް، އެލެކްޓްރޯނިކްސް އަދި އިންޖިނިއަރިން ދާއިރައާބެހޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގެ ބޭބޭފުޅުން ވަޑައިގެން ޚިޔާލުބަދަލްމިކުރަނީ. ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާ ތަރައްޤީވެފައިވާއިރު، މިދާއިރާއަށް ހުރި ގޮންޖެހުންތަކާބެހޭ ގޮތުން މިކޮންފަރެންސްގައި ބައިވެރިވާ ބޭފުޅުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރާނެ." އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤު ރަޝާދު ވިދާޅުވިއެވެ.
 
މިކޮންފަރެންސްގެ ތެރެއިން ޑްރޯން ފަދަ އީޖާދުތައް އުފެއްދުމާއި މިފަދަ އުފެއްދުންތައް އިތުރަށް ހަރުދަނާކޮށް މިކަންކަމަށް އޮތް ގޮންޖެހުންތަކާބެހޭ މުހިންމު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެންމެ ފަހުގެ އިލެކްޓްރޯނިކްސް އީޖާދުތައް ބޭނުންކުރެވޭނެ ދާއިރާތަކާބެހޭ ގޮތުން މަޝްވަރާކުރާނެއެވެ.  
 
އެވިޑް ކޮލެޖުގައި ބާއްވާ މިކޮންފަރެންސްގައި ޖަޕާނާއި ޗައިނާއާއި އެމެރިކާއާއި އިންޑިއާއި ތައިވާން އަދި އިޓަލީ ފަދަ ޤައުމުތަކުގެ އިލެކްޓްރޯނިކްސް އަދި ރޮބޮޓިކްސްގެ ދާއިރާގެ މާހިރުން ބައިވެރިވެއެވެ.