ވިޔަފާރި

ދަނޑުވެރިންނަށް ދޭ ލޯނުތައް އަންނަމަހު ދޫކުރަން ފަށަނީ


ރާއްޖެއަށް އިމްޕޯޓުކުރާ މޭވާއާއި ތަރުކާރީ މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢޫގެ ދަށުން ދަނޑުވެރިންނަށް ދޫކުރާ ލޯނުތައް އަންނަ މަހު ދޫކުރަން ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށައެޅި ފަރާތްތަކުގެ ފޯމުތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، ކުރިއަށްއޮތް ތިން ހަފްތާތެރޭގައި ލޯނު ލިބޭ ފަރާތްތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ހަ މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމުން ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެތި މަދުކުރުމަށްޓަކައި، ދަނޑުވެރިކަމުގެ 5 ބާވަތެއް ރާއްޖޭގައި އުފައްދައި، މި ބާވަތްތައް އިމްޕޯޓްކުރާ މިންވަރު މަދުކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި ޕްރޮގްރާމް ކުރިއަށްގެންދަނީ ލ. އަތޮޅު ގަމުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް މި ޕްރޮގްރާމްގެ މައްޗަށް އަލިއަޅުއްވާލައްވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖެއަށް އެތެރެކުރާ ފަސް ބާވަތެއްގެ މޭވާއާއި ތަރުކާރީ މި ޕްރޮގްރާމްގެ ސަބަބުން ފަންސަވީސް ޕަސެންޓް ދަށްކުރެވޭނެކަމަށެވެ. މިގޮތުން، 1866 ޓަނުގެ ތަރުކާރީއާއި މޭވާ، މިމަޝްރޫޢުގެ ދަށުން އުފައްދާފައިވާ ދަނޑުތަކުން ރާއްޖޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ރައީސުލްޖުމްހޫރިއްްޔާ ވަނީ ވިދާޅުވެފައެވެ.