ކުޅިވަރު

އެސްޓޯރީގެ 13 ނަންބަރު ދެ ކުލަބަކުން ރިޓަޔާ ކުރުވައިފި


ކުއްލި ގޮތަކަށް މަރުވި އިޓަލީގެ ފިއޮރެންޓީނާގެ ކެޕްޓަން ޑޭވިޑޭ އެސްޓޯރީގެ 13 ނަންބަރު ޖާޒީ ފިއޮރެންޓީނާ އާއި އޭނާގެ ކުރީގެ ކުލަބު ކަގްލިއާރީއިން ރިޓަޔާ ކުރުވައިފިއެވެ.

މި ދެ ކުލަބުން ނެރުނު ބަޔާނުގައިވަނީ އޭނާ ކުޅުނު 13 ނަންބަރު ޖާޒީ ރިޓަޔާ ކުރުވަން ނިންމީ ކުޅުންތެރިޔާގެ އަގުވަޒަންކޮށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ.

އެސްޓޯރީ ކުއްލި ގޮތަކަށް މިދިޔަ ހަފުތާގައި މަރުވުމުގެ ސަބަބުން އިޓަލީގެ ފުޓްބޯލަ ލީގުވެސް މިހާތަނަށް އޮތީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. ނަމަވެސް މި ހަފުތާގެ ފަހުކޮޅު އަލުން މެޗުތައް ފަށަން ވަނީ ހަމަޖައްސައިފައެވެ. އަދި އެސްޓޯރީގެ މަރުގެ ތަހުޤީގު އިޓަލީގެ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފިއޮރެންޓިނާގެ ބަލައިސް މަޓުއިޑީ ބުނީ ކުއްލި ގޮތަކަށް ދިމާވި މިމަރުގެ ހަނދާންތައް ފިލައިނުދަނީސް މެޗުތަކަށް އަލުން ނުކުތުމަކީ ފަސޭހަކަމެއްނޫން ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގައި އަބަދުވެސް އޮންނާނީ ކުރިއަށް ދިއުން ކަމަށާއި، އެސްޓޯރީ ނެތަސް އޭނާގެ ޓިމު ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.