ކުޅިވަރު

ރެއާލްގެ ކުޅުންތެރިން ނިދިޔަނުދީ ފްރާންސުން ޖެއްސުންކޮށްފި


ފްރާންސްގެ ޕީއެސްޖީ 2-1 ން ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކުރި މެޗުގެ ކުރިން ރެއާލްގެ ކުޅުންތެރިންނަށް ފްރާންސުން އުނދަގޫކޮށްފިއެވެ.

ފްރާންސްގެ ފުލުހުން މިހާރު ބަލަމުން އަންނަ މައްސަލައަކީ މެޗުގެ ކުރިން ރެއާލްގެ ކުޅުންތެރިން ނިދަން ތިއްބައި ހޮޓަލުގެ ބޭރުގައި ބަޔަކު ބަޑިބޭސް ގޮއްވި މައްސަލައެވެ.

ދަންވަރު 1:30ގައި ހިނގި މި ހަދިސާގެ ސަބަބުން ރެއާލްގެ ކުޅުންތެރިންނަށް ވަރަަށް ބޮޑަށް ނިދަން އުނދަގޫވެ، އެކަމުގެ ޝަކުވާ ވަނީ ރަސްމީކޮށް ފްރާންސްގެ ފުލުހުންނަށް ހުށަހަޅައިފައެވެ. އަދި މިހާތަނަށް މި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

ޕީއެސްޖީ ބަލިކޮށް، އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ރެއާލް ކުއާޓާ ފައިނަލަށް ދިޔަ މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަސެމީރޯއެވެ. މާކޯ ވެރާއްޓީއަށް ރަތްކާޑު ދެއްކި މެޗުގައި ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖެހީ އެޑިންސަން ކަވާނީއެވެ. 

މި ނަތީޖާއާއެކު ރެއާލް ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެ މެޗުން 5-2ގެ އެގްރިގޭޓުންނެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 3-1 ނެވެ.