ޚަބަރު

މުހިއްމު ކަމެއްގައި ނޫނީ ދިވެހި ބޭރަށް ނުނިކުތުމަށް ގޮވާލައިފި


ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާތީ އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި އެންބަސީން އިލްތިމާސްކޮށްފިއެވެ. ސްރީލަންކާގެ ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ހިގަމުންދާ ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން ލަންކާ ސަރުކާރުންވަނީ އެ ޤައުމުގައި ހަތްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ކެންޑީގެ ބައެއް ސަރަހައްދުތަކުގައި ކާފިއު ހިންގާ މަގުތަކުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. 

ލަންކާގައި ހުންނަ ދިވެހި އެންބަސީ ބުނީ ލަންކާގައި ބައެއް ހިސާބުތަކުގައި  ހިނގަމުންދާ ނަސްލީ ހަމަނުޖެހުންތަކާއި ގުޅިގެން އިއްޔެ އިން ފެށިގެން ކެންޑީގައި ކާފިއުން ހިންގާފައިވާތީ އާއްމު ހާލަތަށް  ރުޖޫއަ ވަންދެން ކެންޑީގައި ދިރިއުޅޭ ނުވަތަ ކެންޑީގައި މިވަގުތު ތިބި އެއްވެސް ދިވެއްސެއް ވަރަށް މުހިއްމު ހާލަތެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް  ނަސޭހަތްތެރިވާކަމަށެވެ. އަދި ލަންކާ ސަރުކާރުގެ ކަމާއި ބެހޭ އެންމެހާއި ފަރާތްތަކުން އެންގުމާއި ނަސޭހަތްތަކަށް ސަމާލުވެ އެފަދަ އެންގުންތަކާއި އެ ގޮތަށް އަމަލުކުރުމަށް ލަންކާގައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ދިވެހި އެންބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާއަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅުމުންދާ އެއް ޤައުމެވެ. އަދި ވިޔަފާރީއާއި ބޭސްފަރުވާގެ އިތުރުން ޗުއްޓީއަށްވެސް ގިނަ އަދަދެއް ގެ ދިވެހިން ދަނީ ލަންކާއަށް ދަތުރުކުރަމުންނެވެ.ސްރީލަންކާ ސަރުކާރުގެ ތަރުޖަމާން ޑަޔަސީރީ ޖަޔަސޭކަރާ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރީ މުޅި ޤައުމުގައި ކަމަށާއި، މިކަމުގެ ބޭނުމަކީ ސްރީލަންކާގެ ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުންކަމަށެވެ.އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މުސްލިމުންގެ ނިސްބަތަކީ، އާބާދީގެ ދިހައެއް އިންސައްތަ އަދި ބުޑިސްޓުންގެ ނިސްބަތަކީ ހަތްދިހަ އިންސައްތައެވެ.ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރީ، އެ ޤައުމުގެ މެދުތެރޭގެ ސިޓީއެއްކަމަށްވާ ކެންޑީގައި ހައްދުފަހަނަޅާފައިވާ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގަމުންގެންދާ ހަރުކަށި ޢަމަލުތައް އިތުރުވެ އެ ހަމަނުޖެހުންތައް އެހެން ސަރަހައްދުތަކަށް ފެތުރިދާނެކަމުގެ ބިރުހީވެފައިވާ ދަނޑިވަޅެއްގައެވެ.ކެންޑީގައި ބުޑިސްޓުން މުސްލިމުންނަށް ޙަމަލާދޭން ފަށާފައިވަނީ މިދިޔަ ހަފުތާގެ ބަންދުތެރޭގައެވެ. ބުޑިސްޓުން އެންމެ ފުރަތަމަ ޙަމަލާދިނީ މުސްލިމުންގެ މިސްކިތްތަކަށެވެ. މި ގޮތުން ބައެއް މިސްކިތްތަކަށް ބޮޑެތި ގެއްލުންތަކެއްދީ ބައެއް މިސްކިތްތަކުގައިވަނީ ހުޅުޖަހާފައެވެ. އެއަށްފަހު މުސްލިމުންގެ ބައެއް ފިހާރަތަކަށްވެސް ހަމަލާދީ އަނެއްބައި ފިހާރަތަކުގައި ބުޑިސްޓުން ހުޅުޖަހާފައިވެސްވެއެވެ.ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ ބުޑިސްޓުންގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޮޑު ބާލާސޭނާ ޖަމާޢަތެވެ.އެ ޖަމާޢަތުން މީގެ ހަތަރުއަހަރު ކުރިންވެސް މުސްލިމުންނާ ދެކޮޅަށް ހަރުކަށި ޢަމަލުތަކެއް ހިންގައި މުސްލިމުންގެ ހަތަރު މީހުން މަރާލާފައިވެއެވެ.އަދި އެ ޖަމާޢަތުގެ ހާމުދުރުން ފަހަތުގައި ތިބެގެން މިދިޔަ ނޮވެމްބަރު މަހުވެސް ސްރީލަންކާގެ ދެކުނުގައި މުސްލިމުންނަށް ހަމަލާދީ އެކަކު މަރާލާފައިއެވެ.އެއަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މުސްލިމުންނަށް ހަމަލާދީ ފަސް މީހަކު ޒަޚަމްކޮށްލައި މިސްކިތެއްގައި ހުޅުޖަހައި، މުސްލިމުންގެ ބައެއް ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.