ވިޔަފާރި

ދުނިޔޭގެ އިތުރު މާރކެޓުތަކަށް ރާއްޖެއިން ބޮޑުކަންނެލި ބޭރުކުރަނީ


ބޮޑުކަންނެލި ބޭރުކުރުމަށް އެމެރިކާގެ މާރކެޓްތައް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، އެމެރިކާގެ ބާޒާރަށް ބޮޑުކަންނެލި ބޭރުކުރެވޭގޮތް ވުމަކީ ބޮޑުކަންނެލީގެ އަގު ދަށަށް ނުގޮސް ހިފެހެއްޓިގެންދާނެކަމެއްކަމަށެވެ. މިހާރު ރާއްޖެއިން އެންމެ ގިނައިން ކަންނެލި ބޭރުކުރަނީ ޔޫރަޕްގެ މާރކެޓް ތަކައްކަން ފާހަގަކުރައްވާ މިނިސްޓަރ ޝައިނީ ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާ ދިމާކޮށް ޔޫރަޕްގެ މާކެޓްތަކުގައި ކަންނެލީގެ އަގު ދަށަށްދާކަމަށެވެ. އެހެންކަމުން މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތުން ޔޫރަޕްގެ ބާޒާރުގައި މަހުގެ އަގު ދަށަށްދާ ދުވަސްވަރު، އެމެރިކާގެ އެކި މާރކެޓްތަކަށް ކަންނެލި ބޭރުކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މިއީ ބޮޑުކަންނެލީގެ އަގު ރަނގަޅުވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކަންނެލީގެ މަސްވެރިކަމަށް ބަލައިފިއްޔާ އެއީ ފިނި މޫސުމަށް ދުނިޔޭގެ ބާޒާރުގައި އަގުވެއްޓޭ މަހެއް ކަމަށްވާތީ އެދުވަސްވަރު މަހުގެ އަގު ދަށްވާނެ. ސަރުކާރުން ވަރަށް ގިނަ މަސައްކަތްކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ފިނި މޫސުން އަންނައިރަށް އެކަންކަން ހައްލުކުރެވޭވަރަށް މިހާރު އެހެރީ ފިޔަވަޅު އަޅާފަ. އެއީ ކާބަންމޮނޮކްސައިޑް ބޭނުންކޮށްގެން މަސް އެމެރިކާއަށް ބޭރުކުރެވޭނެގޮތް ހެދުމާއި، އަޅުގަނޑުމެން އިތުރު މާކެޓްތަކަށް ހުޅުވާލައިގެން އިތުރު މާކެޓް ތަކަށް މަސް ބޭރުކުރެވޭނެ ގޮތް ހެދުން. އޭރުން މަހުގެ އަގު އެވްރެޖަށްވުރެ މައްޗަށްޖެހިލާނެ. އަދި ޔޫރަޕްގެ މާކެޓަށް ބޭރުނުކުރެވޭއިރު އެމެރިކާގެ މާރކެޓަށް އަޅުގަނޑުމެންނަށް ބޭރު ކުރެވޭނެ. އެހެންވީމަ އެކަންތައްވެސް ސަރުކާރުން މިވަނީ މިހާރު ކޮށްފަ. އެހެންވީމަ މިއަހަރުގެ ފިނި މޫސުމަށް އަންނައިރު އެކަންކަން ހައްލުވެފަ އޮންނާނީ". މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވިއެވެ.

ރާއްޖެއިން ރީނދޫއުރަހަ ކަންނެލި ބޭރުކުރާ އެއް މާރކެޓް ކަމަށްވާ ސްޕެއިންގެ މާރކަމެޑްރިޑްގެ މާކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އަގު މިހާރު ހުރީ ދިވެހި ރުފިޔާއިން ބަލާނަމަ 161 ރުފިޔާއަށެވެ. ރާއްޖޭގެ ބޮޑުކަންނެލި ގަންނަ ކުންފުނިތަކުން އެވްރެޖްކޮށް ކަންނެލި ކިލޯއެއް މިހާރު ގަންނަމުންދަނީ 74 ރުފިޔާއަށެވެ.