ސިއްހަތު

ޅަ އުމުރުގައި ކުރާ ކައިވެނިތައް މަދުކުރެވިއްޖެ- ޔުނިސެފް


18 އަހަރުން ދަށުގެ އަންހެންކުދިން ކައިވެނިކުރާ ނިސްބަތް މިދިޔަ 10 އަހަރު ދުވަހުގެތެރޭގައި ފާހަގަކުރެވޭވަރަށް ދަށަށް ގޮސްފައިވާކަމަށް ކުޑަކުދިންނާބެހޭ އދގެ ޖަމްޢިއްޔާ ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ޢާއްމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 25 މިލިއަނަށްވުރެ ގިނަ ކުޑަކުދިންގެ ކައިވެނި ވަނީ ހުއްޓުވިފައެވެ. ކުރިން ކޮންމެ ހަތަރު އަންހެން ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު 18 އަހަރު ނުވަނީސް ކައިވެނިކުރެއެވެ. ނަމަވެސް މިހާރު މިނިސްބަތް އުޅެނީ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖެކެވެ. މިއީ ގާތްގަނޑަކަށް 15 އިންސައްތަ ދަށްވުމެކެވެ.

ޔުނިސެފުން ބުނާގޮތުން ކުޑަކުދިންގެ ކައިވެނި އެންމެ ބޮޑަށް މަދުކުރެވިފައިވަނީ ދެކުނު އޭޝިޔާ ސަރަޙައްދުގައެވެ. މިގޮތުން 18 އަހަރުވުމުގެ ކުރިން ކައިވެނިކުރާ ނިސްބަތް 50 އިންސައްތައިން 30 އިންސައްތައަށް މިސަރަޙައްދުގައި ދަށް ކުރެވިފައިވާކަމަށް ޔުނިސެފުން ބުނެއެވެ. މިއީ އަންހެން ކުދިންނަށް ތަޢުލީމްގެ ފުރުޞަތުތައް އިތުރުކޮށްގެންނާއި ޅަ އުމުރުގައި ކައިވެނިކުރުމުން ކުރިމަތިވާ ގެއްލުންތައް ވިސްނައިދީގެން ހާސިލުކުރެވުނު ނަތީޖާއެއްކަމަށް ޔުނިސެފުން ބުނެއެވެ.

img:http://s1.psmnews.mv/images/660x400/15203446045010.jpg|ޅަ އުމުރުގައި ކުރާ ކައިވެނިތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޔުނިސެފުން ބުނޭ

ޔުނިސެފުން ބުނާގޮތުން 18 އަހަރުން ދަށުގެ ކުދިންނާ ކައިވެނި ކުރުމުގެ މައްސަލަ މިހާރު އެންމެ ބޮޑީ އެފްރިކާ ބައްރުގައެވެ. އެގޮތުން މީގެ ދިހަ އަހަރު ކުރިން ކޮންމެ 5 އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު 18 އަހަރު ނުވަނީސް ކައިވެނިކުރެއެވެ. ނަމަވެސް މިހާރު މިއަދަދު ވަނީ ކޮންމެ 3 ކުދިންގެ ތެރެއިން 1 ކުއްޖެއްގެ ނިސްބަތުން އިތުރުވެފައެވެ.

ނަމަވެސް އެފްރިކާގެ ބައެއް ޤައުމުތަކުގައިވެސް މިކަމުގެ ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ޔުނިސެފުން ފާހަގަކުރެއެވެ. އެގޮތުން އިތޯޕިއާގައި 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރާ ނިސްބަތް ތިންބައި ކުޅަ އެއްބަޔަށް ދަށްކުރެވިފައިވާކަމަށް ޔުނިސެފުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/15203445448199.jpg|ކުޑަކުދިންނާ ކައިވެނިކުރުމާ ދެކޮޅަށް ބޭއްވި ހަރަކާތެއްގެ ތެރެއިން / ކުޑަކުދިންނާއެކު ކުރެވޭ ކައިވެނިތައް މަދުވެފައިވާކަމަށް ޔުނިސެފުން ބުނޭ

ޔުނިސެފުން ބުނާގޮތުން 18 އަހަރުން ދަށުގެ ކުދިން ކައިވެނިކުރުމުން ތަޢުލީމުގެ ފުރުޞަތުތައް ގެއްލި، ފިރިމީހާގެ އަނިޔާވެރިކަމާ ކުރިމަތިލައި، އެކުދިންގެ މުޅި ހަޔާތް ބަރުބާދުވާއިރު، ކުޑަކުދިންނާއި ކައިވެނިކުރާ ނިސްބަތް ދަށަށް ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ނަމަވެސް މިހާރުވެސް އަހަރަކު 12 މިލިއަން ކުދިން އުމުރުން 18 އަހަރު ނުވަނީސް ކައިވެނިކުރާކަމަށް ޔުނިސެފުން ބުނެއެވެ. 

2030 ވަނަ އަހަރުގެ ކުރިން 18 އަހަރުން ދަށުގެ ކުޑަކުދިންނާއެކު ކުރެވޭ ކައިވެނިތައް ހުއްޓުވުމަކީ އދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ. މިލަނޑުދަނޑިއަށް ވާސިލުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޔުނިސެފުން ބުނެއެވެ. އެހެން ނޫންނަމަ 2030 ވަނަ އަހަރާ ހަމައަށް ދާއިރު 18 އަހަރު ނުފުރޭ 150 މިލިއަން ކުދިން ތިބޭނީ ކައިވެނިކޮށްގެންކަމަށް ޔުނިސެފުން އަންދާޒާކުރެއެވެ.