ޚަބަރު

ދިވެހި ބަހުން ކާޓޫނު އުފެއްދުމުގެ މުބާރާތެއް ބާއްވަނީ


ދިވެހި ތާރީޚާއި ޘަޤާފަތާ އާދަކާދައަށް ކުޑަކުދިން ލޯބި ޖެއްސުމުގެ ގޮތުން ދިވެހި ބަހުން ކާޓޫނު އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ދިވެހި ބަހުގެ އެޑެމީން ބުނެފިއެވެ.

މި ކާޓޫނުތައް އުފެއްދުމަށް ހަމަޖެހިފައިވަނީ ދިވެހި ތާރީޚުގެ ކޮންމެވެސް ވާހަކައަކަށް، ނުވަތަ ބަޠަލަކަށް ޚާއްސަކޮށްގެންކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ. މިއަހަރުގެ ޖޫން މަހުގެތެރޭގައި މި މުބާރާތް އިޢުލާންކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ކުޑަކުދިންނަށް ފަހުމް ވާނެ މިންވަރަށް ތާރީޚް އުނގަންނައި ދިނުމަށް އެކުލަވާލާފައިވާ މުބާރާތެއްކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ. މިގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި އުޅޭ ގިނަ ޒުވާނުން މިކަމަށް ޝައުޤުވެރިވާނެކަމަށް އުންމީދުކުރާ ކަމަށް އެކަޑެމީން ބުނެއެވެ. މިފަދަ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއިރު، މިހާރު ޒުވާނުންގެ ހިތުގައި ދިވެހި ބަހަށް ލޯބި އިތުރުވެފައިވާކަން އެކެޑަމީން ފާހަގަކުރެއެވެ.

ކުޑަކުދިންނާ ހިސާބުން ދިވެހި ތާރީޚާއި ޘަޤާފަތަށް ލޯބި ޖެއްސުމަށް މަސައްކަތް ފެށިއްޖެނަމަ ކުރިއަށް އޮތް ޖީލަކީ ތާރީޚާއި ޘަޤާފަތަށް ލޯބިކުރާ ޖީލްތަކަށް ވެގެންދާނެކަމަށް ދިވެހި ބަހުގެ އެކެޑަމީގެ އެސިސްޓެންޓް ޑިރެކްޓަރ ޝަހުމާ ޢަލީ ވިދާޅުވިއެވެ.

ދިވެހި ތާރިޚާއި ޘަޤާފަތާ އާދަކާދަ ދިރުވުމަށް ދިވެހި ބަހުގެ އެކަޑަމީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުން ފެށިގެން ވަނީ ޤައުމީ ތާރީޚީ ދުވަހެއް ފާހަގަކުރަން ފަށާފައެވެ.