ކުޅިވަރު

ވޯލްޑް ކަޕުގެ އެނަލިސްޓަކަށް މޮރީނިއޯ


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެނަލިސްޓަކަށް ރަޝިޔާގެ ޓީވީން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޯ މޮރީނިއޯ ހަމަޖައްސައިފި އެވެ.

މިކަމާ ބެހޭ ގޮތުން މޮރީނިއޯ ބުނީ ރަޝިޔާ ޓީވީން އޭނާއަށް ވޯލްޑް ކަޕުން ފުރުސަތު ދިނުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ އެމީހުން އަހަންނަށް ފުރުސަތު ދިނުމުން. އަހަރެން މިހުރީ ރަޝިޔާއަށް ގޮސް ވޯލްޑް ކަޕާމެދު އަހަރެންގެ ހިޔާލު ފާޅު ކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައި،" ރެއާލް މެޑްރިޑާއި އިންޓަމިލާނުގެ ކުރީގެ ކޯޗު ބުންޏެވެ.

މޮރީނިއޯއާއެކު ރަޝިޔާ ޓީވީގައި ހަރަކާތްތެރިވާނެ މަޝްހޫރު ކުރީގެ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ޕީޓަރ ޝުމައިލް ވެސް ހިމެނެއެވެ.

މޮރީނިއޯ ބުނީ ރަޝިޔާ ވޯލްޑް ކަޕަކީ މުހިންމު މުބާރާތެއް ކަމަށާއި، އެ މުބާރާތް ވަރަށް ގާތުން ބަލާލެވުމަކީ އޭނާ އަށާއި، އޭނާގެ ކޯޗިން ކެރިއަރަށް ވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއް ކަމަށެވެ.