ކުޅިވަރު

ނިއުގެ ކައުންޓަ އެޓޭކާއި ޑިފެންސް ވަރުގަދަ: ބަންގާޅު ކޯޗު


ނިއުރޭޑިއަންޓަކީ ޑިފެންސާއި، ކައުންޓަރ އެޓޭކްގައި ވަރަށް ވަރުގަދަ ޓީމެއް ކަމަށް ބަނގްލަދޭޝްގެ އަބަހާނީ ލިމިޓެޑްގެ ކޯޗު ސައިފުލްބާރީ ޓީޓޫ ބުނެފިއެވެ.

އޭއެފްސީ ކަޕުގައި މާދަމާ ބަނގްލަދޭޝްގައި މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ކޯޗު މިހެން ބުނީ އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓް ކުޅުނު މެޗުތަކުގެ ހައިލައިޓްސް ބެލުމަށްފަހުއެވެ. އަދި އޭނާ ވަނީ އިއްޔެ ހަވީރު އަބްހާނީގެ ދަނޑު ޑަންމޮންޑީގައި ނިއުރޭޑިއަންޓް ކުރި ޕްރެކްޓިސް ވެސް ބަލައިފައެވެ.

ކޯޗު ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް ނުކުންނައިރު އޭނާގެ ޓީމަށް ރަނގަޅު ފެށުމެއް ބޭނުންވާ ކަމަށާއި، ޓީމުގެ ހުރިހާވެސް އުއްމީދެއް ގުޅިފައިވަނީ ކުރިއަށް ކުޅޭ ނައިޖީރިއާގެ ދެ ފޯވަޑުންނާ ކަމަށެވެ.

"އަހަރެންގެ ޓީމު ބިދޭސީ ކުޅުންތެރިންނާއެކު ވަރަށް ބެލެންސް. އެކަމަކު ފުޓްބޯޅައިގައި ހުރިހާ ވެސް އެއްޗަކީ ގޯލު ޖެހުން. ބަނގްލަދޭޝްއަށް ގައުމީ ޓީމުގައި ވެސް އަދި ކުލަބު މެޗުތަކުގައި ވެސް ދިމާވާ މައްސަލައަކީ ލަނޑު ނުޖެހުން. ދިވެހިރާއްޖޭގެ ޓީސީ އާއި ސައިފް ސްޕޯޓްސް ކުޅުނު މެޗުގައި ސައިފް ވަނީ ވަރަށް ގިނަ ފުރުސަތު ހޯދާފައި. އެކަމަކު ގޯލެއް ނުޖެހުނު. މިއީ މައްސަލައަކީ. އަހަރުމެން ގޯލު ޖަހައިގެން ކާމިޔާބު ލިބޭނީ،" ކޯޗު ބުންޏެވެ.

ނައިޖީރިއާގެ ދެ ފޯވަޑުން ކަަމަށްވާ އެމެކާ ޑާލިންޓޮން އަދި ސަންޑޭ ޗިޒޯބާ ވަނީ ބަނގްލަދޭޝް ލީގުގައި މިދިޔަ ސީޒަނުގައި 16 ގޯލު ޖަހާފަ އެވެ. ނަމަވެސް އެމެކާގެ ފިޓްނަސްއާމެދު ކޯޗު މުޅިން ހިތްހަމަނުޖެހެއެވެ. ނަމަވެސް ޓީމުގެ ޖަޕާނުގެ މިޑްފީލްޑަރު ވެސް ފިޓްކޮށް ހުރުމާއެކު އޭނާ ބުނީ މެޗުގެ ކުރީކޮޅު ގޯލެއް ޖެހުން މުހިންމު ކަމަށާއި ގޯލު ނުޖެހޭނަމަ އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގެ އުއްމީދު ފަނޑުވާނެ ކަމަށެވެ.