ޚަބަރު

އެސްޓީއޯއިން އާންމު ޙިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރެއް ހޯދަނީ


އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ޙިއްސާދާރުން ތަމްސީލު ކުރުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުންނާއި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރު ކަމަށެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނުކުރެވޭނީ ހަ ޑިރެކްޓަރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް އެސްޓީއޯއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެސްޓީއޯއަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 301.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.