ކުޅިވަރު

ފިޓްކޮށް މިހުންނަނީ ތިންކަމެއް ރަނގަޅަށް ކޮށްގެން: ދަގަނޑޭ


އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް އޭނާ ފިޓްކޮށް ހުރުމުގެ ފަހަތުގައިވަނީ މައިގަނޑު ތިން ކަމެއް ކަމަށް ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ބަނގްލަދޭޝްގެ ނޫސްވެރިންނަށް ދިން ވަރަށް ކުރު އިންޓަވިއުއެއްގައި 33 އަހަރުގެ ފޯވަޑް ބުނީ މިހެންނެވެ.

"(ފިޓްކޮށް ހުރުމުގައި މައިގަނޑު ސަބަބަކީ) ހުރިހާ ވެސް ކަމަކީ ޑައެޓް. ބުރަކޮށް މަސައްކަތް ކުރުން އަދި ދިރިއުޅުމުގެ ޑިސިޕްލިން،" ދަގަނޑޭ ބުންޏެވެ.

ބަނގްލަދޭޝްގެ ނޫސްވެރިން އޭނާގެ އިންޓަވިއު ހޯދަން ބޭނުންވި ނަމަވެސް ކެމެރާ ކުރިމަތީގައި ވާހަކަ ދައްކަން ލަދުގަންނާތީ ދަގަނޑޭ ވާހަކަ ދެއްކީ ކެމެރާ ނުލައި ވަކިންނެވެ. އޭނާ ބުނީ ސެޕްޓެމްބަރު ބަހު ބަނގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނެކަން ޔަޤީންނޫން ކަމަށެވެ.

"އަހަރެން ވަނީ އަހަރެންގެ އިންޓަނޭޝަނަލް ފަހު މެޗު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅެފަ. މިވަގުތު އަހަންނަށް ޔަޤީނެއްނޫން އަހަރެން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނެކަން،" ދަގަނޑޭ ބުންޏެވެ.

2010ގެ ސާފް ގޭމްސްގެ ފަހުން ފުރަތަމަ ފަހަރަށް ބަނގްލަދޭޝްގައި ހުރެ ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ އޭނާއަށް އެގައުމުގެ މިހާރުގެ ފުޓްބޯޅައިގެ މާގިނަ މައުލޫމާތެއް ނޭނގޭ ކަމަށެވެ. ސަބަބަކީ އަނިޔާގެ ސަބަބުން އަށް މަސްދުވަހު ފުޓްބޯޅައާ ދުރުގައި ހުރުން ކަމަށެވެ. އަދި ފުޓްބޯޅައިގެ މައުލޫމާތު އަލުން ހޯދަން ބަލަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ނިއުރޭޑިއަންޓާ ގުޅުނު ހިސާބުން ކަމަށެވެ.

އޭއެފްސީ ކަޕުގައި މާދަމާ ބަނގްލަދޭޝްގެ އަބްހާނީއާ ވާދަކުރަން ގޮސްތިބި ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރޮޒޮން ބުނީ ދަަގަނޑޭ އަކީ އޭނާގެ ޓީމުން އިދިކޮޅު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އިދިކޮޅު ޓީމުން ފާރަލާންޖެހޭ ހަމައެކަނި ކުޅުންތެރިޔާ ނޫން ކަމަށެވެ.

"އަޝްފާގަކީ އޭޝިޔާގައި އިތުރު ތައާރަފަކަށް ބޭނުންވާ ކުޅުންތެރިއެއްނޫން. އޭނާ އަކީ އަހަރެންގެ ޓީމުގައި ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާގެ އިތުރުން އަހަރެންގެ ޓީމުގައި ވަރަށް ރަނގަޅު އެހެން ކުޅުންތެރިން ވެސް އެބަތިބި. އަހަރުމެންވަނީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ކޯޗު ބުންޏެވެ.