ސިޔާސީ

ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނެއް ހަދަނީ


ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީނޫން ޕާޓީއަކަށް މެމްބަރަކު ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ ކަމަށް ބަޔާންކޮށް އެންޓި ޑިފެކްޝަންގެ ބިލުގެ ނަމުގައި ބިލެއް ސަރުކާރު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅީ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ. ނިހާން ވަނީ އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ބިލުގެ ބައެއް ބައިތައް ޓުވީޓު ކުރައްވާފައެވެ.

ބިލުގެ މަޤްޞަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ބިލަކީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ބިލެެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ގޮނޑިއެއް ހުސްވެއްޖެ ނަމަ ބައި އިލެކްޝަން ބޭއްވުމުގެ އިޖްރާޢާތްތައް ބަޔާން ކުރުމަކީ ވެސް އެ ބިލުގެ މަޤްސަދެެއް ކަމަށް ބިލުގައި ބަޔާންކޮށްފަވެއެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނިހާން ވަނީ ބިލުގައި ހުރި މުހިއްމު ބައެއް ނުކުތާތައް ނޫސްވެރިންނަށް ޙިއްސާކޮށްދެއްވާފައެވެ.

"މިސާލަކަށް ޕާޓީން އަޅުގަނޑު ވަކިވުން، ޕާޓީން އަޅުގަނޑު ކަނޑާލުން އަދި ޕާޓީ އަޅުގަނޑު ބަދަލުކުރުން. މާނައަކީ މި ތިން ހާލަތުވެސް މެމްބަރަކު ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ބުނާ ބުނުން ހިމެނޭ މާއްދާތަކެއް ބިލުގައި ހުންނާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ޙާލަތްތައްވެސް މި ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުން މެމްބަރުން ވަކިކުރާ އުޞޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ތްރީލައިން ވިޕަކާއި ޚިލާފުވި ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑި އެންޓި ޑިފެކްޝަން ބިލު މިހާރު އޮތް ގޮތުން ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ރައްޔިތުން މަޖިލީހުގެ މެމްބަރަކާ މެދު ސުލޫކީ ފިޔަވަޅު އަޅާ ގޮތަކުންވެސް މެމްބަރެއްގެ ގޮނޑި ގެއްލިގެން ނުދާނެ ކަމަށެވެ.

"ދެން މި ޤާނޫނު މި ބުނަނީ މި ޤާނޫނު ތަސްދީޤްކޮށް ގެޒެޓުކުރާ ފަހުންނޭ ޤާނޫނު ހިނގާނީ. އެހެންވީމަ މިހާރު މި އުޅޭ މެމްބަރުންގެ މައްސަލަތަކުގައި އެހެން ގޮތްތަކެއް ނިންމަންޖެހޭނީ މިހާރު ބި ބިލު އޮތްގޮތުން،" ނިހާން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއްގައި ބުނެފައިވަނީ ރާއްޖެއަށް އެންޓި ޑިފެކްޝަން ޤާނޫނެއް ވުޖޫދަށް ގެންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ޙަރުދަނާ ކުރުމަށް އެ ޤާނޫނަކީ ވަރަށް މުހިންމު ޤާނޫނެއް ކަމަށްވެސް އެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އެންޓި ޑިފެކްޝަން ޤާނޫނަކީ އަވަށްޓެރި އިންޑިއާގައި 1985ވަނަ އަހަރުން ފެށިގެން ޢަަމަލު ކުރަމުން އަންނަ ޤާނޫނެކެވެ.