ޚަބަރު

ރެހެންދި އެވޯޑް ޙަފްލާ މާދަމާ އޮންނާނެ


ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ ޙިއްޞާއެއް އޮވެ، ޤައުމަށް ލާބަޔާ މަންފާލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް ޙަފްލާ މާދަމާ ބާއްވާނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ބުނީ "ރެހެންދި އެވޯޑް" ލިބޭ ކަނބަލުންނާއި އެވޯޑް ޙަވާލުކުރަނީ ބައިނަލް ޢަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ދަރުބާރުގޭގައި ބާއްވާ ޚާއްޞަ ޙަފްލާގައި ކަމަށެވެ. 

އަދި "ރެހެންދި އެވޯޑް" ލިބޭ ތިން ކަނބަލުންނަށް އެވޯޑް ޙަވާލުކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ.

"ރެހެންދި އެވޯޑް"އަށް ނަން ހުށަހެޅުމަށް ޖެންޑަރ މިނިސްޓްރީން ޢާންމުކޮށް ހުޅުވާލި ފުރުޞަތުގައި މިފަހަރުގެ އެވޯޑަށް ޖުމްލަ 20 ފަރާތަކުން ކުރިމަތިލިއެވެ.

ޖެންޑަރ މިނިސްޓްރީން ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރުއެވެ. މިހާތަނަށް 18 ފަރާތަކަށް ދީފައިވެއެވެ.

އެހެން އަހަރުތަކާއ ޚިލާފަށް މިއަހަރު މުޅިން އާ ދެ ދާއިރާއެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާ ކޮށްދީފައިވާ ޚިދުމަތުގެ ދާއިރާގެ އެވޯޑާއި، އަންހެނުން ޢާންމުކޮށް ނޫޅޭ މަސައްކަތުގެ ދާއިރާގެ އެވޯޑެވެ. 

ރެހެންދި އެވޯޑްދޭ އެހެނިހެން ދާއިރާތަކަކީ ސިޔާސީ، އިޤްތިޞާދީ، އިޖުތިމާޢީ، އަދި ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން އަންހެނުންގެ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުމާއި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ދާއިރާއެވެ.