ސިޔާސީ

18ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުން މާދަމާ ހެނދުނު





 


އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު ދިހައެއްޖާއިރު އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.


 
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލިސް ކުރާ ގޭގައި ހެނދުނު އޮންނަ ރަސްމިއްޔާތުގައި މެމްބަރުންނަށް ހުވާލާ ދެއްވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަހުމަދު ފާއިޒްކަމަށެވެ. އަދި އެއަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބާއްވާ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު އެގާރަޖަހާއިރުކަމަށްވެސް އަމީން އާއްމު ވިދާޅުވިއެވެ.


 
ޤާނޫނުއަސާސީގައިވާ ގޮތުން އާރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށާއި ނައިބު ރައީސްކަމަށް މެމްބަރުން އައްޔަންކުރާނީ ސިއްރު ވޯޓަކުންނެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރެވެންދެން އެޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުކަމަށް ޤާނޫނުއަސާސީގައިވެއެވެ.


 
މަޖްލިހުގައި މިވަގުތު ތިއްބެވި އެންމެ ދުވަސްވި މެމްބަރުންނަކީ، ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި، ހޮޅުދޫ ދާއިރާގެ މެމްބަރު އަލީމުޙައްމަދުއެވެ.


 
 


އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުކުރެވިފައިވާ މެންބަރުން މާދަމާ ހުވާކުރާއިރު، މަޖިލީހުގެ މަސައްކަތްތަކަށް ހޭލުންތެރިކުރެއްވުމަށްޓަކައި، މަޖިލީހުގެ އިދާރާއިން ވަނީ ޔޫ.އެން.ޑީ.ޕީއާ ގުޅިގެން އެމެމްބަރުންނަށްވޯރކްޝޮޕް ކުރިއަށްގެންދަވާފައެވެ.