ކުޅިވަރު

ނެޝެނަލް ނައިންބޯލް ޗެމްޕިއަންކަން ސަނީފް ހޯދައިފި


ނެޝެނަލް ނައިންބޯލް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހުސެއިން ސަނީފް ހޯދައިފިއެވެ.

 މުބާރާތުގެ ޗެންޕިއަންކަން ހުސެއިން ސަނީފް ހޯދީ އެންމެ ފަހު ރަނަރަޕް އަދި ޤައުމީ ޓީމުގައިވެސް ހިމެނޭ އަހުސަން ހާޝިމް ބަލިކުރުމަށްފަހުއެވެ. ފައިނަލް މެޗު ސަނީފް ކާމިޔާބުކުރީ ނުވަ ފްރޭމް ފަސް ފްރޭމުންނެވެ. މުބާރާތުގެ ފައިނަލުން ދެ ކުޅުންތެރިންވެސް ޖާގަ ހޯދީ ސެމީފައިނަލުގައި މުހަންމަދު ދުންޔާޒް ބަލިކުރުމަށްފަހުއެވެ. ގައުމީ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމަށްފަހު ސަނީފް ބުނީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވިކަމަށެވެ. ސަނީފް ބުނީ ފައިނަލް މެޗުން މޮޅުވީ އިދިކޮޅަށް ކުޅުނު ކުޅުންތެރިޔާއަށް ޑިފެންސިވްކޮށް ކުޅެން ފުރުސަތު ނުދިނުމުންކަމަށެވެ.

" އަޅުގަނޑަކަށް ފުރުސަތެއް ނުލިބޭނެ އެންމެ ބޯޅައެއް ވައްޓާލަންވެސް، އަހުސަންގެ ފަހަތުން ޑިފެންސިވް މޯޑްގައި ކުޅުނުނަމަ" ފައިނަލް މެޗަށްފަހު ސަނީފް ބުންޏެވެ.

ފައިނަލު ބަލިވި އަހުސަން ހާޝިމް ބުނީ ސަނީފަށް ލިބުނީ ހައްޤު ކާމިޔާބެއްކަމަށާއި، ފައިނަލުގައި އޭނާ އުންމީދުކުރިވަރާ ގާތަށްވެސް ނުކުޅެވުނުކަމަށެވެ.

" މެޗުގެ ވަރަށް ކުރީކޮޅު ސަންނަ ދެނުވައެއް ވައްޓާލުމާއެކު ދެން މުޅިންހެން ގޭމުން ބޭރުވެއްޖެ." ހާޝިމް ބުންޏެވެ.

އަހުސަން ވަނީ މިދިޔަ އަހަރު އޭޝިޔަން އިންޑޯ ގޭމްސްގެ އިތުރުން ވޯލްޑް ޗެންޕިއަންޝިޕްގަ ވާދަކޮށްފައެވެ. މިދިޔަމަހު ސޯޅަވަނަ ދުވަހު ފެށި މިއަހަރުގެ ނެޝަނަލް ނައިންބޯލް މުބާރާތުގައި ނުވަދިހައަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރިކަމަށް ބިލިއާރޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.