ކުޅިވަރު

ބަޔާންމިޔުނިކްގެ ލީޑް 20 ޕޮއިންޓަށް ފުޅާކޮށްފި


ޖަރުމަން ބުންޑަސް ލީގާ ނިމެން ނުވަ މެޗަށް ވީއިރު ބަޔާން މިޔުނިކުން ލީގު ތާވަލްގެ އެންމެ ކުރިން އެޓީމަށް ލިބިފައިވާ ލީޑް 20 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ބުންޑަސް ލީގާގައި ރޭ ބަޔާން މިޔުނިކް އާއި ފްރެއިބާގް ބައްދަލުކުރި މެޗު ބަޔާން ކާމިޔާބުކުރީ 4-0 ނެވެ. މިއީ ލީގުގައި މިފަހަރު ކުޅުނު 25 މެޗުގެ ތެރެއިން ބަޔާން ކާމިޔާބުކުރި 20 ވަނަ މެޗެވެ.

ރޭގެ މެޗުގައި ބަޔާން މިޔުނިކް އިން ޖެހި ފުރަތަމަ ލަނޑަކީ ފްރެއިބާގް ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ ދެވަނަ ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ފްރާންސް މިޑްފިލްޑަރ ކޮރެންތެން ތޮލީސޯއެވެ.

ބަޔާންގެ ތިން ވަނަ ލަނޑު ޖަރުމަންގެ ފޯވާޑް ސަންދްރޯ ވެގްނަރ ކާމިޔާބުކޮށްދިން އިރު، މެޗުގެ ފަހު ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ތޯމަސް މުލާއެވެ.

ލީގުގެ އެންމެ ކުރީގައި ބަޔާން މިހާރު އޮތީ 63 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ޝާލްކޭއަށް 43 ޕޮއިންޓް ލިބިފައިވާއިރު، ބޮރޫޝިއާ ޑޯޓްމުންޑް އޮތީ ލީގުގެ ތިން ވަނާގައި، 42 ޕޮއިންޓާއެކުއެވެ.