ކުޅިވަރު

އާސެނަލް އޮތީ ސިޓީ އަތުން ބަލިވުމުގެ ހިތާމައި: ވެންގާ


އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 2-1 ން ބަލިވެ، އާސެނަލްއަށް ގަދަ ހަތަރެއްގެ ފުރުސަތު ހަނިވީ މެންޗެސްޓަރ ސިޓީ އަތުން ބަލިވުމުގެ ހިތާމައިގައި ކުޅުންތެރިން ތިބުމުން ކަމަށް ކޯޗު އާސެން ވެންގާ ބުނެފިއެވެ.

ނަމަވެސް މެޗަށް ފަހު އޭނާ ބުނީ ކަންކަން ހަމައަކަށް އެޅުވޭހާ ފުދި އިތުރުވާ ވަރަށް އޭނާއަށް ތަޖުރިބާ ލިބިފައިވާ ކަމަށާއި، އާސެނަލްގެ ނަތީޖާތައް ރަނގަޅު ކުރާނެކަމަށެވެ.

މި މެޗުން ބަލިވުމުން އާސެނަލް ޓޭބަލުގެ ހަ ވަނާގައިވަނީ 45 ޕޮއިންޓާއެކުގައެވެ. މިއީ ފަސް ވަނާގައިވާ ޗެލްސީއަށް ވުރެ އަށް ޕޮއިންޓް މަދު އަދަދެކެވެ.

"އަހަރުމެން ސިޓީ މެޗަށް ފަހު ނަފްސާނީ ގޮތުން ވެސް ޖިސްމާނީ ގޮތުން ވެސް މި މެޗަށް ތައްޔާރެއްނޫން. މިއީ އަހަރެންގެ ކެރިއަރުގައި މިފަދަ ގޮތަކަށް ޓީމު މެޗަކަށް ނުކުތް ފުރަތަމަ ފަހަރު. މިކަންކަން ހަމައަކަށް އެޅުވޭހާ ތަޖުރިބާ އަހަރެންނަށް ލިބިފައި އެބަހުރި. ޓީމު ހަމައަަކަށް އަޅުވައި ނަތީޖާ ބަދަލު ކުރާނަން،" ނަތީޖާ ގޯސްވެ ތަށި ނުލިބޭތީވެ ކުރީގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ވެންގާ ބުންޏެވެ.

މިއީ ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއްގެ އަތުން ފަހަކަށް އައިސް އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ 1982ގެ ފަހުން ބްރައިޓަން އަތުން އާސެނަލް ބަލިވި ފުރަތަމަ މެޗުވެސްމެއެވެ.

މި މެޗަށް ފަހު އާސެނަލްއަށް ދެން ކުރިއަށް އޮތް އެންމެ މުހިންމު މެޗަކީ ޔޫރޮޕާ ލީގުގައި އިޓަލީގެ ވަރުގަދަ އޭސީ މިލާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ވެންގާ ބުނީ އެ މެޗުގެ ކުރިން އާސެނަލްގެ ޓީމު މެޗަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.

ބްރަައިޓަން މި މެޗުން މޮޅުވި ނަމަވެސް އޮތީ ޓޭބަލުގެ 10 ވަނާގައި 34 ޕޮއިންޓާއެކުގައެވެ. އެ ޓީމުގެ ކޯޗު ކްރިސް ހިއުޓަން ބުނީ އޭނާގެ ޓީމު މޮޅުވުން ހައްޤު ކަމަށެވެ. ނަމަވެސް ފުރަތަމަ ހާފުގެ 43 ވަނަ މިނިޓްގައި އާސެނަލްގެ ޕެޓްރިކް އައުބަމިޔަންގް ޖެހި ގޯލާއެކު 2-1 އަށް ނަތީޖާ ބަދަލުވުމަކީ މެޗުގައި އޭނާ އެންމެ ކަންބޮޑުވި ކަންތައް ކަމަށެވެ.

"އަހަރުމެންނަށް މެޗުގެ ކުރީކޮޅު ދެ ގޯލު ޖެހުން އެއީ މި މެޗުން މޮޅުވާން ދިމާވި އެންމެ މުހިންމު ސަބަބު. އަހަރުމެންނަށް ތިން ޕޮއިންޓް ހައްޤު. ފުރަތަމަ ހާފުގައި އަހަރުމެން ޝަކުވާނުކޮށް ރަނގަޅަށް ކުޅުނު. ނަމަވެސް ފަހުހާފުގައި ކުދިކުދި ގޯސްތައް ހެދުނު. އެކަމަކު ތިން ޕޮއިންޓް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް،" ކޯޗު ބުންޏެވެ.