ޚަބަރު

އޭލެވެލް އިމްތިޙާނުން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ 6 ދަރިވަރަކަށް


މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިޙާނުން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ 6 ދަރިވަރަކު ހޯދައިފިއެވެ.

މި 6 ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސަތޭކަ ޕަސެންޓް މާކްސް ހޯދައިގެން އެކައުންޓުން ދުނިޔޭގެ އެއްވަނަ ހޯދި 5 ދަރިވަރުންނާއި ސަތޭކަ ޕަސެންޓް މާކްސް ހޯދައިގެން ބިޒްނަސް ސްޓަޑީސްއިން ދުނިޔޭގެ އެއްވަނަ ހޯދި ދަރިވަރެކެވެ. މިދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި އެޑިޔުކޭޝަން މިނިސްޓްރީން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޝިހާމްއެވެ. މަތީ ޡާނަވީ އިމްތިޙާން ތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށް އިނާމާއި ހަދާނީ ލިޔުންދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޤައުމީ ގަދަ ދިހައެއްގެ އެއް ވަނައިގައި ހިމެނުނު 44 ދަރިވަރުންނަށް އިނާމާއި އެވޯޑު ދީފައެވެ. އަދި ފަސް މާއްދާއިން  އޭ ސްޓަރ ޙާސިލްކުރި ދަރިވަރުންނަށް ރައީސުލްޖުމްހުރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ލިޔުންވެސް ހަވާލުކުރިއެވެ. މީގެ އިތުރުން ވަކިވަކި މާއްދާތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދި 13 ދަރިވަރުންނަށް އެވޯޑް ދީފައިވާއިރު އެޑެކްސެލް ހައިއެޗީވާރސް އެވޯޑް ހޯދި 4 ދަރިވަރުންނަށްވެސް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/15201905869730.JPG|އޭލެވެލް އިމްތިޙާނުން އެއްވަނަ ހޯދި ދަރިވަރަކަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޓްރޮފީ ހަވާލުކޮށް ދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކެޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ތަޢުލީމް ޙާސިލްކޮށްގެން މުޖުތަމަޢަށް ނިކުންނަ ދަރިވަރުންނަކީ އަދުގެ ޖީލުގައި މެދު އުޑުގައި ފިޔަޖަހަމުންދާ ޒުވާނުން ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާނުން ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރައްވާ، އެކަމިޔާބީގައި މުދައްރިސުންގެ ބުރަ މަސައްކަތާއި ބެލެނިވެރިންގެ ފުރިހަމަ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފައެވެ.

"ފާއިތުވެ ދިޔަ ހަތަރު އަހަރަކީ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އހަރުތަކެއް. ދަރިވަރުންގެ ޙައްޤުގައި  މި ގެނެވުނު ބަދަލުތައް ސްކޫލްފެންވަރުގައި ތަންފީޒްކުރެއްވުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި ސްކުޅްތަކުގެ މުވައްޒަފުން. ތިޔަ ދަރިވަރުންނަކީ ތަފާޓު ޚިޔާލުތައް އަޑުއެހުމުގައި ޤާބިލްކަން ހުރި ބަޔަކަށް ވުމާއެކު ތަފާޓު ޚިޔާލުތަކުގެ ތެރެއިންވެސް އަބަދުވެސް ތިޔަ ދަރިވަރުންގެ ބުއްދިން ވިސްނާ ހެޔޮނުބައި ވަކިކޮށް އެގެއިން ޤައުމަށް ފައިދާވަނިވި ޚިޔާލުތަކަކީ ކޮބައިކަން ދެނެގަތުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ" ޑރ ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.



މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާންގައި 1708 ދަރިވަރުން ބައިވެރިވިއިރު ގަދަ ދިހައެއްގައި 187 ދަރިވަރުން ވަނީ ހިމެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން 148 ދަރިވަރުންނާއި އަތޮޅުތެރޭގެ 38 ދަރިވަރުންނެވެ. މަތީ ޘާނަވީ ނިންމާ ޔުނިވަރސިޓީއަށް ވަނުމަށް ފާސްވާ ނިސްބަތް ކަމަށްވާ ތިން މާއްދާއިން ފާސްވި ނިސްބަތް މިދިޔަ އަހަރުވަނީ 64 އިންސައްތައް މަތިވެފައެވެ. 

މަތީ ޘާނަވީ ތަޢުލީމް ނިންމާ ދަރިވަރުންގެ ތެރެއިން މުޅި ދުނިޔެއިން އެއްވަނަ ހޯދާ ދަރިވަރުންނަށް 2015 ވަނަ އަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ދިނުމަށް ހަމަޖެހިފައިވަނީ ޤައުމީ ޢިނާމް ދިނުމުގެ ޖަލްސާގައެވެ.

މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުގެ ޤަދަ ދިހައެއް ހޮވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.