ޚަބަރު

އީސީގެ މެންބަރުކަމަށް ޝަރީފް، ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކޮޅުމަޑުލު ތިމަރަފުށީ މާލޭގޭ އަޙްމަދު ޝަރީފް، ޢައްޔަން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އަޙްމަދު ޝަރީފާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަޙްމަދު ޝަރީފް ޢައްޔަން ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން، އީސީގެ މެމްބަރު ކަމަށް އަޙްމަދު ޝަރީފް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މަޖިލީހުގެ ޖަލްސާގައި ޝަރީފްގެ ނަން ފާސްވީ ވޯޓުގައި ބައިވެރިވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތަޢުލީމީ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ޝަރީފް ވަނީ ކުރިން ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. ޝަރީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.