ވިޔަފާރި

އެމްއެމްޕީއާރުސީން ކޯޕަރޭޓް ވެބްސައިޓެއް ތައާރަފްކޮށްފި


މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ގެ ކޯޕަރޭޓް ވެބްސައިޓް ތައާރަފްކޮށްފިއެވެ.

މި ވެބްސައިޓް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އެމްއެމްޕީއާރުސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މި ވެބްސައިޓަކީ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ތަޢާރަފްކުރި ވެބްސައިޓެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ހާރިސް މުޙަންމަދު ވިދާޅުވީ، ކޯޕަރޭޓް ވެބްސައިޓް ތައާރަފްކުރުމާއެކު އެކޯޕަރޭޝަނުގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.

ކޯޕަރޭޓް ވެބްސައިޓް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ޕާޓުނަރުންނަށާއި، އެމްއެމްޕީއާރުސީން ހިންގަމުންގެންދާ ހަރަކާތްތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެމުންދާނޭކަމަށް ހާރިސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކިއެކި ތަފާސްހިސާބުތަކާއި އެނޫންވެސް މައުލޫމާތުތައް މި ވެބްސައިޓް މެދުވެރިކޮށް ލިބެންހުންނާނޭކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ވެބްސައިޓުގެ ސަބަބުން އެމްއެމްޕީއާރުސީގެ މާކެޓިންގ ހަރަކާތްތައްވެސް އިތުރަށް ފުޅާވެގެންދާނެކަމަށެވެ.