ސިޔާސީ

ޕީޕީއެމްގެ ފިއްތުންތަކަށް ޖުމްހޫރީ ޕާޓީން ފަހަތަށް ނުޖެހޭނެ- ޖޭޕީ






 


މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް، މަޖިލީހުގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީން ބޭފުޅެއްގެނަން ހުށަހަޅައިފިނަމަ ދެޕާޓީގެ ދެމެދުގައި ހަދާފައިވާ ކޯލިޝަން ރޫޅޭނެކަމަށް ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްފިއެވެ.


 
ޕީޕީއެމް އޮފީހުގައި ރޭ އެކެއްޖަހަން ކައިރިވެފައިވަނިކޮށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ޖުމްހޫރީ ޕާޓީން މަޖިލީހުގެ ރައީސްކަމަށް ކެނޑިޑޭޓަކު ނެރެފިނަމަ، އެއީ އެޕާޓީންއިސްވެ ކޯލިޝަން އެއްބަސްވުމާއި ޚިލާފުވީކަމަށެވެ. އަދި އެވަގުތުން ފެށިގެން ކޯލިޝަން އެއްބަސްވުމެއް ނޯންނާނެކަމަށް ޕީޕީއެމްގެ ކައުންސިލުން ނިންމާފައިވާކަމަށްވެސް އަދީބް ވިދާޅުވިއެވެ.



އަދީބް ވިދާޅުވީ ކޯލިޝަން ރޫޅިއްޖެނަމަ ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުން އެމަގާމުތަކުން ވަކިކުރުމަށް އެޕާޓީން ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ. އެއަށްފަހު ޕީޕީއެމްގެ މެންބަރުންގެ އެމަގާމުތަކަށް އައްޔަންކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އަދީބް ވިދާޅުވިއެވެ.


 
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީޕިއެމުން ކަމަށްވުމުގެ އިތުރުން، މާޒީގައި މަޖިލީހުގެ ރިޔާސަތުގެ އަމަލުތައް ހުރި ގޮތުން ޕީޕީއެމްގެ މެންބަރަކު ނޫން އެހެން މެންބަރަކަށް މަޖިލީހުގެ ރައީސްގެ މަގާމު ލިބުމަށް ޕީޕިއެމުން ބޭނުން ނުވާކަމަށެވެ.


 
މީގެއިތުރުން ގާޞިމް އިބްރާހިމް ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު ޕީޕީއެމަށް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތުދެއްވައިފިނަމަ، ޖުމްހޫރީ ޕާޓީއަށް ނައިބު ރައީސްކަން ދިނުމަށް އެޕާޓީއަށްހުށަހެޅިކަމަށާއި، އަދިވެސް އެފުރުޞަތު އެޕާޓީއަށް އެބައޮތްކަމަށްވެސް އަދީބް ވިދާޅުވިއެވެ.


 
އަދީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ކުރިމަތިލެއްވުމާއި ނުލެއްވުމުގެ އިހްތިޔާރު ލިބިވަޑައިގެންފައިވަނީ އެމަނިކުފާނަށް ކަމަށާއި، ކޯލިޝަން ސަލާމަތްކުރުމުގެ ބާރުވެސް އޮތީ ހަމަ އެމަނިކުފާނުގެ އަތްޕުޅުގައި ކަމަށެވެ.


 
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި އާމަޖިލީހުގެ ނައިބް ރައީސްކަމަށް ޕީޕިއެމްއިން ނެރެފައިވާ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށް މަޖިލީހުގެ ރައީސްކަން ދިނުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކަންކުރާ އުސޫލުކަމަށެވެ.


 
މީގެއިތުރުން ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީއޮވެ މަޖިލީހުގެ ރައީސްކަން ހޯދަން އެމްޑީޕީއާ މަޝްވަރާ ކުރެއްވުމަކީ ކޯލިޝަންގެ އެއްބަސްވުމާ އެޕާޓީން ޚިލާފުވުންކަމަށް ޕީޕިއެމުން ދެކޭކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވިއެވެ.



ޕީޕީއެމްގެ މިނިންމުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ ޕީޕީއެމްގެ ފިއްތުންތަކަށް ޖުމްހޫރީ ޕާޓީން ފަހަތަށް ނުޖެހޭނެކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވުމަށް ގާޞިމް އިބްރާހިމް ނިންމަވާފައިވާ ނިންމުން ބަދަލް ނުކުރާނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.