ޚަބަރު

ސަލާމަތީ ބާރުތަކަށް ހިމާޔަތްދޭ ޚާއްޞަ ޤާނޫނެއް އެކުލަވާލަންޖެހޭ


ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލާ ފަރާތްތައް ޒިންމާދާރުކޮށް، ސަލާމަތީ ބާރުތަކުގެ ރީތިނަން ދެމެހެއްޓުމަށް އެކަމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި، ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ސިޔާދަތީ ބާރުތަކުގެ ބާރު ކަނޑުވާލުމަށް ކުރެވޭ ނުރައްކާތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި މިކަން ވަގުތުން ވަގުތަށް ހުއްޓުވައި، ސިޔާސީ ފަރާތްތަކުން ކުރާ މިފަދަ ޢަމަލުތަކުން ސަލާމަތީ ބާރުތަކަށް އިތުރަށް ރައްކާތެރިކަން ދޭންޖެހޭކަމަށެވެ. އަދި މިފަދަ ޤާނޫނެއް ސަރުކާރުގެ ފަރާތުން އެކުލަވާލާ ހުށައެޅުމަށް ނިހާން ގޮވާލެއްވިއެވެ.

ނިހާން ވިދާޅުވީ ޢާންމުން ފުލުހުންނަށް އަނިޔާވެރިވެއްޖެނަމަ ޢަމަލު ކުރާނެ ޚާއްޞަ އުސޫލަކާއި، ފުލުހަކު ޢާންމުންގެ މީޙަކާމެދު އަނިޔާވެރިވެއްޖެނަމަ އަމަލުކުރަންޖެހޭ އުސޫލެއް މި ޤާނޫނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރަންޖެހޭކަމަށެވެ. މިއީ ފުލުހުންގެ ޤާނޫނާއި ސިފައިންގެ ޤާނޫނުގެ އިތުރުން ވުޖޫދުކުރަންޖެހޭ ޤާނޫނެއްކަމަށް ދެކޭކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ޢާންމު މަދަނީ މީހަކު މުޢާމަލާތުކުރާ ގޮތާ އުޅޭގޮތާ ހަމަތަކާ ތަފާތުކޮށް ތަންކޮޅެއް ތަފްސީލީ ހަމަތަކެއް ހުންނާނެ ފުލުހުންގެ. އަމުރުވެރިކަމުގަވެސް ރާގެއް ހުންނާނެ. ފުލުހުން ބުނާ ބުނުމުގައި ހުންނާނެ އަސަރަކާ ޖަޒްބާއެއް، ބާރެއް ހުންނަން ޖެހޭނެ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ފުލުހުން ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި ކުރާ ކަންކަން ތަރުތީބުން ފޮޓޯ ނަގައިގެން، ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. މިއީ ކޮންމެ ފަރާތަކުން ކުރި ނަމަވެސް ހުއްޓުވަންޖެހޭ ކަންތައްތަކެއްކަމަށް ނިހާން ތަކުރާރުކޮށް ވިދާޅުވިއެވެ.