ވިޔަފާރި

އެމްއައިޓީޓީ ފެއާގައި 27 ކުންފުންޏަކުން ބައިވެރިވޭ


ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްއައިޓީޓީ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 27 ކުންފުންޏަކުން ބައިވެރިވާކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން، (އެމްއެމްޕީއާރުސީން މިއަދު ވަނީ މިމަހުގެ 13 ވަނަ ދުވަހު މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ މި ފެއާގައި ބައިވެރިވާ ކުންފުނިތަކާއިއެކު އެންމެފަހުގެ ބައްދަލުވުން ބާއްވާފައެވެ. މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީން ވަނީ އެމްއައިޓީޓީ ފެއާގެ އިތުރުން މޮސްކޯއަށް ދަތުރުކުރުމުގައި ގެންގުޅެންވީ އުސޫލްތަކާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ އާއިބެހޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ހާރިސް މުޙަންމަދު ވިދާޅުވީ، ރަޝިއާ މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ހާއްސަ މާކެޓެއް ކަމަށެވެ.

ހާރިސް ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިފަހަރުގެ އެމްއައިޓީޓީ ފެއާގައި ރާއްޖެއިން ބައިވެރިވާ ކުންފުނިތަކުގެ އަދަދު އިތުރުކަމަށާއި، މިއީ ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ލިބިގެންދާނޭ އިތުރު ކުރިއެރުމެއްކަމަށެވެ. މިއަހަރުގެ ފެއާގައިރާއްޖެއިން 27 ކުންފުންޏަކުން ބައިވެރިވެއެވެ. މިދިޔަ އަހަރު މި ފެއާގައި ބައިވެރިވެފައިވަނީ 19 ކުންފުންޏަކުންނެވެ.

މިގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތްގޮތަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ އަދަދެއްގެ ކުންފުނިތަކުން ސަރުކާރާއި ގުޅިގެން މި ފެއާގައި ބައިވެރިވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށް ހާރިސް ވިދާޅުވިއެވެ.

އެމްއައިޓީޓީ ފެއާއަކީ ރަޝިއާގައި ބާއްވާ ޓޫރިޒަމްގެ އެންމެބޮޑު އެއް ފެއާއެވެ. މި ފެއާގައި 97 ޤައުމަކުން 2056 އެގްޒިބިޓަރުން ބައިވެރިވެއެވެ. އެމްއައިޓީޓީ ފެއާ ކުރިއަށްދާނީ މާރޗްމަހުގެ 13 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށެވެ.