ކުޅިވަރު

ރެއާލް މޮޅު، ރޮނަލްޑޯ 300 ލަނޑު ހަމަކޮށްފި


ސްޕެނިޝް ލަލީގާގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތިން ސަތޭކަ ވަނަ ލަނޑާއެކު ރެއާލް މެޑްރިޑް ގެތާފޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ގެތާފޭ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ރެއާލް ކާމިޔާބުކުރީ ތިނެއް އެކަކުންނެވެ. މިމެޗުގައި ރެއާލްގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. ރެއާލްގެ އަނެއް ލަނޑު މިމެޗުގައި ކާމިޔާބުކޮށްދިނީ ވޭލްސް ފޯވާޑް ގެރެތް ބޭލްއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު އޭނާ ލަލީގާގައި ޖެހި ލަނޑުގެ އަދަދަކީ 301 އެވެ. މިއާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ލަލީގާގައި ތިން ސަތޭކަ ލަނޑު އެންމެ މަދު މެޗުން ހަމަ ކުރި ކުޅުންތެރިއާއަށެވެ.

ރޮނާލްޑޯ ތިންސަތޭކަ ލަނޑު ހަމަ ކޮށްފައި މިވަނީ 286 މެޗުންނެވެ. ރޮނާލްޑޯގެ އިތުރުން ލަލީގާގައި ތިން ސަތޭކަ ލަނޑު ހަމަކޮށްފައިވާ އަނެއް ކުޅުންތެރިއަކީ ބާސެލޯނާގެ ލައެނަލް މެސީއެވެ. މެސީ ތިން ސަތޭކަ ލަނޑު ހަމަކުރީ ތިންސަތޭކަ ތިރީސް ހަތަރު މެޗުންނެވެ. އެހެންނަމަވެސް މެސީ މިހާތަނަށް ވަނީ ތިންސަތޭކަ ހަތްދިހަ ދެ ލަނޑު ލަލީގާގައި ޖަހާފައެވެ.