ކުޅިވަރު

ނިއު އޭއެފްސީކަޕްގެ ފުރަތަމަ މެޗަށް ފުރައިފި


އޭ.އެފް.ސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ފުރަތަމަ މެޗު ކުޅުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ރޭ ބަނގްލަދޭޝްއަށް ފުރައިފިއެވެ.

 ގްރޫޕް ސްޓޭޖުގައި ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ޑާކާ އަބަހާނީއާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު ބަނގްލަދޭޝްގެ ބަންގް ބަންދު ސްޓޭޑިއަމުގައެވެ. އޭއެފްސީ ކަޕުގައި ނިއުރޭޑިއަންޓާއެކު ގްރޫޕް އީ ގައި ދެން ހިމެނެނީ، އިންޑިއާގެ ލީގު ޗެންޕިއަން އައިޒޯލް އެފްސީއާއި، ބަނގްލަދޭޝްގެ އަބަހާނީގެ އިތުރުން އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ރާއްޖޭގެ ޓީސީ ސްޕޯރޓްސް ކްލަބާއި ވާދަކޮށް ކުރި ހޯދާއިގެން ގްރޫޕް ސްޓޭޖަށް ކޮލިފައިވި އިންޑިއާގެ ބެންގަލޫރު އެފްސީއެވެ. 

އޭއެފްސީ ކަޕުގެ ފުރަތަމަ މެޗަށް ނިއު ފުރިއިރު، އެންމެ ފަހުން އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ އާއި ނިއުރޭޑިއަންޓް ވާދަކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ނިއުރޭޑިއަންޓެވެ. އަދި ލީގުގައި ނިއު ކުޅުނު ފުރަތަމަ މެޗު ޓީސީއާއި ވާދަކޮށް 3-0 ން ވަނީ ކާމިޔާބުކޮށްފައެވެ. 

ނިއުރޭޑިއަންޓަކީ އޭއެފްސީ ކަޕުގައި ރާއްޖޭގެ އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން ނިއު ވަނީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އޭގެ ފަހުން ނިއުރޭޑިއަންޓް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރިއެވެ. މިއަހަރުގެ މުބާރާތަށް ނިއު ތައްޔާރުވެފައިވަނީ އެފަދަ ކާމިޔާބީއަކަށް އަމާޒުކޮށްގެންނެވެ.