ކުޅިވަރު

އެތްލެޓިކޯ މެޗަކީ ފައިނަލެއްނޫން: ބާސެލޯނާ ކޯޗު


އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ފައިނަލެއްނޫން ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޯ ބުނެފިއެވެ.

މިރޭ 20:15ގައި ބާސެލޯނާގެ ނޯ ކޭމްޕްގައި މި މެޗު ފަށާއިރު ދެ ޓީމުގެ މެދުގައި އޮތީ އެންމެ ފަސް ޕޮއިންޓްގެ ތަފާތެކެވެ. ބާސެލޯނާ އަށް 66 ޕޮއިންޓް ލިބިފައިވާއިރު އެތްލެޓިކޯ އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.

"އަހަރުމެންނަށް މި މެޗުން މޮޅުވެގެން 8 ޕޮއިންޓަށް ތަފާތު ބޮޑު ކުރެވޭނެ. އަހަރުމެން ބަލިވެއްޖެނަމަ ދެ ޕޮއިންޓަށް ތަފާތު ކުޑަވާނެ. މިހެންވީމަ އަހަރުމެން ބޭނުމަކީ ތަފާތު ބޮޑު ކުރުން. އެއީ އަހަރުމެންނަަށް އެންމެ ރައްކާތެރިގޮތަކީ. އަހަރުމެން މި މެޗަށް ތައްޔާރުވާނެ ގޮތަކީ މިއީ،" ބާސެލޯނާގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ އެތްލެޓިކޯ މެޑްރިޑް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމުގައި ކަމަށެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި 9 ގޯލު ޖެހުމަކީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ.

"އެމީހުންނަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރުމެންވެސް މިއަންނަނީ ލީގުގައި ރަނގަޅު ނަތިޖާތަކެއް ހޯދަމުން. އެކަމަކު އެތްލެޓިކޯ އަކީ އަހަންނަށް ފާހަގަ ކުރެވޭ ގޮތުގައި ލީގު ފެށުނީއްސުރެ އެއް ފެންވަރެއްގައި ނަތީޖާ ހޯދަމުން އަންނަ ޓީމެއް. އެކަަމަކު މި މެޗަކީ ލީގު ޗެމްޕިއަން ފައިނަލްވާނެ މެޗެއްނޫން. ލީގުގައި ބާކީ އަދި ވަރަށް ގިނަ މެޗު އެބަހުރި،" ވަލްވާޑޭ ބުންޏެވެ.

މިހާތަނަށް ބާސެލޯނާގެ ދަނޑުގައި ގޯލެއް ޖެހިފައިނުވާތީ އެކަން ނިމުމަކަށް ގެނައުމަށް އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން ވަނީ އަޒުމް ކަނޑައަޅައިފައެވެ. އަންނަ ސީޒަނުގައި ބާސެލޯނާއަށް ބަދަލުވާ ވަރަށް ގާތުގައި ހުރި ކުޅުންތެރިޔާ މި މޭރުވުމުން ވާހަކަ ދެއްކި ނަމަވެސް ބާސެލޯނާއިން ބުނީ އެމީހުންގެ އުއްމީދަކީ ބާސެލޯނާ ކޮޅަށް ގެރިއެޒްމަން ގޯލު ނުޖެހުން ކަމަށެވެ.

"އޭނާ ޖަހަން ހުރި ގޯލުތައް އެހެން މެޗުތަކަށް ބެހެއްޓުން އަހަރުމެންގެ އުއްމީދަކީ. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިވަގުތު އޭނާ ކުޅެނީ އެތްލެޓިކޯ އަށް. އެހެންވީމަ އަހަރެންގެ އުއްމީދަކީ އޭނާ ގޯލު ނުޖެހުން،" ބާސެލޯނާގެ ކޯޗު ބުންޏެވެ.