ކުޅިވަރު

ނޭމާގެ އޮޕަރޭޝަން ކާމިޔާބު: ޕީއެސްޖީ


ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސްގެ ފަޔަށް ލިބުނު އަނިޔާ ރަނގަޅު ކުރުމަށް ކުރި އޮފަރޭޝަން ކާމިޔާބު ކަމަށް އޭނާގެ ކުލަބު ޕީއެސްޖީން ބުނެފިއެވެ.

ބްރެޒިލްގެ ޤައުމީ ޓީމުގެ ޑޮކަޓަރުންގެ ބެލުމުގެ ދަށުން ކުރި އޮަޕަރޭޝަނަށް ފަހު ނޭމާ މިހާރު ވަނީ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމަށް ބަދަލުކޮށްފައެވެ. އޭނާގެ ބައްޕަ ނޭމާ ސީނިއާ ބުނީ ދަރިފުޅު އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ހައެއް ނުވަތަ އަށް ހަފުތާ ހޭދަވާނެ ކަމަށެވެ.

ޕީއެސްޖީން ބުނީ ނޭމާގެ ފައިގެ ކަށިކޮޅުތަކެއް ބިނދިފައިވާތީވެ އޮޕަރޭޝަން ކުރަން ނިންމީ ވަރަށް ގިނަ ޓެސްޓްތައް ހެދުމަށްފަހު އެނޫން ގޮތެއްނެތް ކަމަށް ބްރެޒިލްގެ ޤައުމީ ޓީމުގެ ޑޮކްޓަރުން ވެސް ލަފާދިނުމުން ކަމަށެވެ. އަދި ކުޅުންތެރިޔާގެ ފަރުވާ ވީ އެންމެ ރަނގަޅަށް ކުރިއަށް ގެންދަން ކުލަބުން ބޭނުންވާ ކަމަށެވެ.

ޕީއެސްޖީގެ ކޯޗު އުނާއީ އެމްރޭ ބުނީ މި ސީޒަނުގައި ނޭމާއަށް ކުޅެވޭނެ ކަމަށް އޭނާ އަދިވެސް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް ބްރެޒިލްގެ ޤައުމީ ޓީމުން އުއްމީދު ކުރަނީ ކުޅުންތެރިޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖޫން މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕުން ކަމަށެވެ.

ނޭމާ އަށް ލިބުނު އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގައި މި ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މުހިންމު މެޗު ވެސް އޭނާ އަށް ގެއްލޭނެއެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު ރެއާލް ކާމިޔާބު ކުރީ 3-1 ނެވެ. މިހެންވެ ޕީއެސްޖީއަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދެވޭނީ މަދުވެގެން ދެ ގޯލުގެ ތަފާތުން ރެއާލް ބަލިކޮށްގެންނެވެ.