ކުޅިވަރު

ލިވަޕޫލް ދެ ވަނަ އަށް، ބެނީޓޭޒް މާޔޫސްވެއްޖެ


ނިއުކާސަލް 2-0 ން ބަލިކޮށް، ލިވަޕޫލް އިނގިރޭސި ޕްރެމިއާ ލީގުގެ ދެ ވަނައަށް ޖެހިލިއިރު، ނިއުކާސަލްގެ ކޯޗު ރަފާ ބެނީޓޭޒް މާޔޫސްވެއްޖެއެވެ.

ސާދިއޯ މާނޭ އާއި މުހައްމަދު ސަލާހްގެ ގޯލުތަކުން ލިވަޕޫލް މޮޅުވި މެޗާއެކު 1994 ވަނަ އަހަރަށްފަހު އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑް ލިވަޕޫލް ވަނި ފުރިހަމަކޮށްފައެވެ. އަދި މި ދެ ގޯލާއެކު ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ލީގުގައި ޖެހި ގޯލުގެ އަަދަދު ވަނީ 200 އަށް އަރައިފައެވެ.

ނަމަވެސް ކްލޮޕް ބުނީ އޭނާގެ ޓީމަށް އިތުރު ލަނޑެއް ޖަހަން ޕެނަލްޓީ އެއްވެސް ލިބެންޖެހޭނެ ކަމަށެވެ.

"ރެފްރީ ނުދިނީ. އެކަމާ ބުނާނެ އެއްޗެއްނެތް. އަހަރުމެން މެޗުގައި ރަނގަޅު ކަންތައްތަކެއް ކުރިން. އެކަމަކު ބައެއް ކަންކަން ރަނގަޅު ވެސް ކުރަންޖެހޭ. ނިއުކާސަލް އަކީ މޮޅު ޓީމެއް. އެމީހުން ވަރަށް ރަނގަޅަށް ޑިފެންސް ކުރި،" ކްލޮޕް ބުންޏެވެ.

ނިއުކާސަލްއަށް ކޯޗުކޮށްދޭ ލިވަޕޫލްގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ބުނީ އޭނާގެ ޓީމަށް ހިފަހައްޓާލެވުނީ އެންމެ 40 މިނިޓް ކަމަށެވެ.

"އޭގެ ފަހުން މިސްޓޭކް ހެދުނީ. އަހަރުމެންނަށް އެނގޭ އެމީހުންގެ ފޯވަޑް ލައިނުގައި ކޮލިޓީހުރި ކުޅުންތެރިން ތިބިކަން. އަހަރެންގެ ޓީމު އަންނަނީ ބޮޑެތި ޓީމުތަކާއެކު ކުޅެން ދަސްކުރަމުން. އެކަމަކު އަހަރެން ގަބޫލު ކުރާގޮތުގައި އަހަރެންގެ މި ޓީމަށް ނަތީޖާ ނެރެވެންޖެހޭނެ،" ކޯޗު ބުންޏެވެ.

ނިއުކާސަލް މިވަގުތު އޮތީ 29 ޕޮއިންޓާއެކު 16 ވަނާގައެވެ. މިއީ ރެލިގޭޝަން ޒޯނަށްވުރެ ދެ ޕޮއިންޓް ގިނަ އަދަދެކެވެ.