ކުޅިވަރު

ތިން އަހަރަށްފަހު ރެފްރީ ޔުނިފޯމުގައި އަސްލަމް އެނބުރި އަތުވެއްޖެ


ތިން އަހަރެއްހާ ދުވަހު ރެފްރީ ކަމާ ދުރުގައި ހުރުމަށްފަހު ތަޖުރިބާކާރު ރެފްރީ އަހުމަދު އަސްލަމް އެނބުރި އައިސް ދަނޑަށް ނުކުމެއްޖެއެވެ.

ރާއްޖޭގެ ރެފްރީންނަށް ބައެއް ކުލަބުތަކާއި ކުޅުންތެރިންގެ ފަރާތުން ކުރިމަތިވާ އިންޒާރުތަކާހުރެ އާއި އަނިޔާގެ ސަބަބުން އަސްލަމް ފާއިތުވެދިޔަ ތިން އަހަރު ގަލޮޅު ދަނޑުން ނުފެނެއެވެ. އޭނާ އެނބުރި އައިސް ރެފްރީކުރީ ފުރަތަމަ މެޗަކީ އިއްޔެ ހަވީރު ޓީސީ އާއި ގްރީން ސްޓްރީޓްސް 2-2އިން އެއްވަރުވި މެޗެވެ.

އަސްލަމާ ބެހޭ ގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ރެފްރީ އަހުމަދު އަމީޒު ވިދާޅުވީ "މި އަހަރު އަސްލަމް (ގަލޮޅު ދަނޑުން) ފެންނާނެ،' ކަމަށާއި ކުރިން ލިބުނު "އަނިޔާވެސް މިހާރު ރަނގަޅު އަދި މިހާރު ހުރީ ވަރަށް ފިޓްކޮށް،" ކަމަށެވެ.

ރެފްރީ ކަމާ ދުރަށް ޖެހިލިއިރު ފީފާގެ ރެފްްރީއެއްގެ މަޤާމުގައި ހުރި އަސްލަމް ވަނީ ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަޤާމުވެސް ހޯދާފައެވެ. ރޮނގު ބެލެހެއްޓުމާއި ރެފްރީކަން އެއްފެންވަރެއްގައި ކުރެވޭ މަދު ރެފްރީންގެ ތެރޭގައި އޭނާ ހިމެނެއެވެ. އަސްލަމް މިހާރު ހުރީ ރާއްޖޭގެ ނެޝަނަލް ރެފްރީއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ އަލުން ފީފާ ރެފްރީ އަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރު ރެފްރީން މިހާރު ވަނީ ބުނަން ފަށައިފަ އެވެ.