ޚަބަރު

އެޗް.އާރ ދާއިރާގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް 2 ފަރާތަށް


ހިއުމަން ރިސޯސްގެ ދާއިރާއަށް ކޮށްފައިވާ ޚިދުމަތް ފާހަގަކޮށް 2 ފަރާތަކަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް އަދި 50 ފަރާތަކަށް އެޗް.އާރ ލީޑަރސް އެވޯޑް ދީފިއެވެ. މި އެވޯޑް ދީފައިވަނީ އެޗް.އާރ މޯލްޑިވްސް އިން ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.

އެޗް.އާރ މޯލްޑިވްސްގެ ފަރާތުން ބޭއްވި ފިފްޓީ މޯސްޓް ޓެލެންޓެޑް އެޗް.އާރ ލީޑާރސް އެވޯޑް ޙަފްލާގައި، ހިއުމަން ރިސޯސް ދާއިރާއިން ލައިފްރައިމް އެޗީވްމެންޓް އެވޯޑް ދީފައިވަނީ، ސިމްޑީ ގްރޫޕްގެ ޗެއަރމަން އިބްރާހީމް މުޙައްމަދު ދީދީއަށާއި ފިހާޅޮހި މޯލްޑިވްސްގެ އެގްޒެކެޓިވް ހައުސްކީޕަރ ޙުސެއިން ޝުކުރީއަށެވެ. ސިމްޑީގެ ޗެއަރމަން އިބްރާހީމް މުޙައްމަދު ދީދީއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފައިވަނީ ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކުރައްވާފައިވާ މަސައްކަތް ފާހަގަކޮށެވެ. އަދި ޙުސެއިން ޝުކުރީއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑްދީފައިވަނީ އެއް ކުންފުންޏެއްގެ އެއް ދާއިރާއަކަށް 25 އަހަރަށްވުރެ ގިނަދުވަހު މެދުކެނޑުމެއްނެތި ޚިދުމަތްކޮށްފައިވާތީއެވެ.

img:http://s4.psmnews.mv/images/660x400/15201088627646.JPG|

އެޗްއާރ މޯލްޑިވްސްއިން ދޭ ހިއުމަން ރިސޯސް އެވޯޑް 50 ފަރާތަކަށް ވަނީ ދީފައެވެ. މި 50 ފަރާތަކީ ރާއްޖޭގެ ކުންފުނިތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް މަސައްކަތްކުރާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ 50 ފަރާތަކަށް ދިން އެވޯޑެކެވެ. އެގޮތުން މި އެވޯޑް 50 ފަރާތަކަށް ދީފައިވަނީ އެވޯޑަށް ކުރިމަތިލި 174 ފަރާތުގެ ތެރެއިން ފަނޑިޔާރުން އިވޭލުއޭޓް ކުރުމަށްފަހުކަމަށް އެޗް.އާރ މޯލްޑިވްސް އިން މައުލޫމާތުދެއެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްއާރ މޯލްޑިވްސްގެ ސީއީއޯ އާދަމް އިބްރާހީމް ވިދާޅުވީ އެވޯޑް ދިނުމުގައި ބަލާފައިވާ ކަންތައްތަކަކީ ކުންފުނީގެ އެޗްއާރ ދާއިރާގެ އެސިސްޓެންޓް މެނޭޖަރަށްވުރެ މަތީ މަޤާމެއްގައި ހުރުމާއި އެދާއިރާއަށް 5 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވުމާއި އަދި 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުއްޏެއް ކަމުގައިވުން ކަމަށެވެ.

މިއީ ރާއްޖޭގައި އެޗްއާރ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން މިފަދަ ގޮތަކަށް އެވޯޑް ޙަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެޗް.އާރ މޯލްޑިވްސްއިން ދޭ އެޗްއާރ އެވޯޑް މިއަހަރު ރާއްޖޭގެ ރިސޯޓްތަކާއި ބޮޑެތި ކުންފުނިތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ލިބިފައެވެ. މި އެވޯޑްގެ މަޤްޞަދަކީ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހިތްވަރުދިނުންކަމަށް އެޗްއާރ މޯލްޑިވްސް އިން ބުނެއެވެ. އަދި ކޮންމެ އަހަރަކުވެސް މިފަދަ ޙަފްލާއެއް ބާއްވާނެކަމަށް އެޗް.އާރ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

އެޗް.އާރ މޯލްޑިވްސް އިން ވަނީ ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައްދަލުވުން އެޗް.އާރް. ސަމިޓް އެންޑް އެކްސްޕޯވެސް ބާއްވާފައެވެ. މިސަމިޓަކީ ހިއުމަން ރިސޯސަރސް ނުވަތަ އިންސާނީ ވަޞީލަތް ބިނާކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކުރިއެރުވާ މި ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ކުންފުނިތަކުގެ އިސްވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް ޚިޔާލު ބަދަލުކުރަން ބޭއްވި ސަމިޓެއްކަމަށް އެޗް.އާރ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.