ޚަބަރު

ޗައިނާގެ ޓްރެވެލް އެޑްވައިޒަރީ އެލަރޓަކަށް ބަދަލުކޮށްފި


ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާ ގުޅިގެން ޗައިނާއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ ލުއިކޮށްފިއެވެ.

ސިޔާސީ ޙާލަތާއި ގުޅިގެން ނެރުނު ޓްރެވެލް އެޑްވައިޒަރީ މިހާރުވަނީ އެލާޓަކަށް ބަދަލުކޮށްފައެވެ.

މިގެނައި ބަދަލާބެހޭ ގޮތުން އިތުރު ތަފްޞީލް ޕީއެސްއެމާ ހިއްސާ ކުރައްވަމުން، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ޕޮލިޓިކަލް އެޓާޗޭ ލީ ޝިއާންގް ވިދާޅުވީ، މިދިޔަ މަހުގެ ފަސްވަނަ ދުވަހު ޗައިނާއިން ނެރުނު ޓްރެވެލް އެޑްވައިޒަރީ މުރާޖަޢާކޮށް މިހާރު ޓްރެވެލް އެލަރޓަކަށް ތިރި ކޮށްފައިވާކަމަށެވެ. ލީ ވިދާޅުވީ ކުރިން ޓްރެވެލް އެޑްވައިޒަރީ ނެރެފައި އޮތީ މުޅި ރާއްޖެއަށް ކަމުގައިވީނަމަވެސް، މިހާރުގެ ޙާލަތައް ބަލާ އެޑްވައިޒަރީ ލުއިކޮށް ޓްރެވެލް އެލަރޓް މިހާރު ނެރެފައިވަނީ ހަމައެކަނި މާލެ ޞަރަޙައްދަށް ކަމަށެވެެ. މާލެ ޞަރަޙައްދަށް އެލަރޓް ނެރެފައިވަނީ ކުއްލި ޙާލަތުގެ އަމުރު އަދިވެސް ތަންފީޒް ކުރަމުންދާތީއާއި މާލެއާއި ބައެއް ކައިރި ރަށްރަށުގައި އަދިވެސް ދޭތެރެ ދޭތެރެއިން އެއްވުން ބާއްވަމުންދާތީ ކަމަށެވެ. 

މި އެލަރޓަށް ޢަމަލު ކުރާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޗައިނާ އެމްބަސީން ބުނެއެވެ.