ޚަބަރު

މަތީ ތައުލީމަށް 560 ލޯނުގެ ފުރުސަތު ހުޅުވާލައިފި


މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކަށް އެކަށައަޅާފައިވާ ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކެޝަނުން ހުޅުވާލައިފިއެވެ. މާޗް މަހަށް ޚާއްސަކޮށްގެން މިފަހަރު ހުޅުވާލައިފައިވަނީ ޖުމުލަ 560 ފުރުޞަތެވެ.

މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކަށް އަމާޒުކޮށްގެން މި ފަހަރު ހުޅުވާލާ ލޯން ސްކީމްގައި، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 500 ފުރުޞަތާއި މިހާރު ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން 60 ފުރުޞަތުވަނީ ހިމަނާފައެވެ. އަލަށް ހުޅުވާލި 500 ފުރުޞަތުގެ ދަށުން ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރުގެ 5ން ފެށިގެން 10އަކާ ދެމެދުގެ ކޯސްތަކަށް ކުރިމަތިލެވޭނެއެވެ. ޕައިލެޓް ލައިސެންސް ހޯދުމަށްވެސް މި ލޯން ސްކީމުން ފުރުޞަތު ދެވޭނެއެވެ. މިހާރު ކިޔެވުން ކުރިއަށްގެންދާ ދަރިވަރުންނަށް ހުޅުވާލި 60 ފުރުޞަތުގައި ވަނީ ޑިގްރީ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަކެވެ.

މިހާރު ހުޅުވާލާފައިވާ ފުރުޞަތުގެ އިތުރުންވެސް މަތީ ތައުލީމު ޙާޞިލްކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯންތަކުގެ ތެރޭގައި، ރާއްޖެއިން ތައުލީމް ހާސިލުކުރާ 330 ދަރިވަރުންނަށް، އަދި ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރާ 260 ދަރިވަރަކަށް ލޯނު ދިނުމަށް ވަނީ ނިންމައިފައެވެ. ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދެނީ ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ އާއި ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔެވުމަށެވެ. މަތީ ތައުލީމު ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނަރސިން އާއި ޓީޗިންގެ އާއި މެޑިސިން އަދި މި ނޫންވެސް، ސްކިލް ޝޯޓޭޖްގައި ހިމެނޭ ކޯސްތައް ހިމެނެއެވެ.

މަތީ ތައުލީމު ޙާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯން މިދިޔަ އަހަރު ވަނީ 500 އަށްވުރެ ގިނަ ދަރިވަރުންނަށް ދީފައެވެ. ލޯން ސްކީމްގެ އެހީގައި މިހާރުވެސް 5000 އަށްވުރެ ގިނަ  ދަރިވަރުން ތަޢުލީމް ޙާސިލްކުރަމުންދެއެވެ.

މިދިޔަ ހަތަރު އަހަރު، ލޯން ސްކީމަށް ގާތްގަނޑަކަށް އެއް ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކޮށްފައިވާކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކެޝަނުން ބުނެއެވެ. ސްޓޫޑެންޓް ލޯންގެ އެހީގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.