ޚަބަރު

އެޗްއާރް ސަމިޓް އެންޑް އެކްސްޕޯ ފަށައިފި


ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ރާއްޖޭގައި ބާއްވާ ފުރތަމަ ބައްދަލުވުން، އެޗް.އާރް. ސަމިޓް އެންޑް އެކްސްޕޯ ފަށައިފިއެވެ.

އެޗް.އާރް. މޯލްޑިވްސްއިން ބުނީ މިސަމިޓަކީ ހިއުމަން ރިސޯސަރސް ނުވަތަ އިންސާނީ ވަޞީލަތް ބިނާކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކުރިއެރުވާ މި ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ކުންފުނިތަކުގެ އިސްވެރިން އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް ޚިޔާލު ބަދަލުކުރަން ބާއްވާ ސަމިޓެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗް.އާރް. މޯލްޑިވސްގެ މާކެޓިން މެނޭޖަރ ފާތިމަތު ޒާލީ ވިދާޅުވީ، މި އަހަރު އަލަށް މި ޕްރޮގްރާމް ފެށިނަމަވެސް، އަމާޒަކީ ކޮންމެ އަހަރަކުވެސް އެޗް.އާރް. ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގުންކަމަށެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ބޭފުޅުންނަށް ފުރުޞަތެއް ނުދެވުނު. އެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި މިއަށްވުރެ ފުޅާކޯށް މި ޕްރޮގްރާމް ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރާނަން." ފާތިމަތު ޒާލީ ވިދާޅުވިއެވެ.

މި ސަމިޓްގެ ތެރެއިން، އެޗްއާރް ދާއިރާގައި މަސައްކަތްކުރާ އަދި މަސައްކަތް ކޮށްފައިވާ އެންމެ ރަނގަޅު 50 ފަރާތަށް އެވޯޑް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އެޗް.އާރް. މޯލްޑިވްސުން ބުނީ ކޮންމެ އަހަރަކުވެސް މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ދަރުބާރުގޭގައި ފެށި މި ޕްރޮގްރާމަކީ އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެޗްއާރް ސަމިޓް އެންޑް އެކްސްޕޯގައި ގާތްގަނޑަކަށް 60 ކުންފުނިން 180 މުވައްޒަފުން ބައިވެރިވެއެވެ.