ކުޅިވަރު

މިރޭ ވެލެންސިޔާ މާ އޯގަނައިޒްވާނެ- ޞޮބާ


ކުރީ މެޗަށްވުރެ މިރޭގެ މެޗުގައި ވެލެންސިޔާ މާ އޯގަނައިޒްވާނެކަމަށް ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.

 މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ވެލެންސިޔާ މިރޭ ނިކުންނާނީ ކުލަބު އީގަލްސްއާއި ދެކޮޅަށެވެ. ވެލެންސީޔާގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ ފުރަތަމަ މެޗުގައި ޓީމުން ދެއްކީ އޭނާއަށް ޤަބޫލުކުރަން ދަތި ކުޅުމެއްކަމަށެވެ. ފިޓްނަސް ދަށްވިޔަސް އެއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކެން ޖެހޭނެކަމަށް ސޮބާ ބުންޏެވެ. މިރޭގެ މެޗުގައި ޓީމްގެ މެދުތެރެއާއި، ފަހަތްވެސް އޯގަނައިޒްވާނެކަމަށާއި، ކުރިން މެޗުގައި ހެދުނު ގޯސްތަކަށް މިހާރު މަސައްކަތް ކުރެވިފައިވާނެކަން ކޯޗު ސޮބާ ފާހަގަކުރިއެވެ. އޭނާ ބުނީ އެންމެ މެޗަކުން އެގޮތަށް ބަލިވެގެން އަދި މާޔޫސް ނުވާކަމަށާއި، މުޅިން އައު ޓީމެއް ބިނާކުރާއިރު ވަގުތު ބޭނުންވާކަމަށެވެ.

އަޅުގަނޑު އައިސް މުޅިން އައު ޓީމެއް މި ހެދީ، އޮފިޝަލުންނެއްވެސް ނެތް އައިއިރު، ކުޅުންތެރިންވެސް ހޯދައި މިހާހިސާބަށް މިއާދެވުނީ ވަރަށް މަސައްކަތުން، އެހެންވީމަ ވަގުތު އެބަ ބޭނުންވޭ، އަދި އެންމެ މެޗަކުން ބަލިވެގެން މާޔޫސްވާކަށް ނުޖެހޭކަންނޭގެ." ޞޮބާ ބުންޏެވެ.

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް ބުނީ ފުރަތަމަ މެޗުގައި ޓީމުން ދެއްކި ކުޅުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. އަދި އީގަލްސް އާއިއެކު އޭނާގެ މިސްރާބު ހުރީ ރަނގަޅު ދިމާލަށްކަން ދައްކާލަން ފުރަތަމަ މެޗުތަކުން ނަތީޖާ ނެރުން މުހިންމުކަމަށެވެ. ޓީމާއި ގުޅުނު ބިދޭސީ ކުޅުންތެރިންގެ ފެންވަރާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، ޓީމުގައި ތިބި ސީނިއަރ ކުޅުންތެރިންގެ ދައުރުވެސް ފުރަތަމަ މެޗުގައި ވަރަށް ބޮޑަށް ފެނުނުކަމަށް ޝިޔާޒް (މޯހަން) ބުންޏެވެ.

"ހަޤީގަތުގަވެސް ފުރަތަމަ މެޗުގައި ސީނިއަރ ޕްލޭޔަރުންގެ ދައުރު ބޮޑުކޮށް ފެނުނީ ދެން ބޭރު ޕްލޭޔަރުން، އަސްލު ވަރަށް ހިތްހަމަޖެހޭ އެ ކުޅުންތެރިންނާއިމެދު، އިންޖަރީއެއް ނުވެ އެހެން ކުޅެފިއްޔާ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދައްކާނެ ޕްލޭޔަރުން އެއީ" މޯހަން ބުންޏެވެ.