ޚަބަރު

ރައީސް ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންފި


ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ކާފަ ވިދާޅުވާ އަދި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މާމަ ވިދާޅުވާ ބޭފުޅަކު ލިބިވަޑައިގެންފިއެވެ.

ރައީސް ޔާމިންގެ ހަމައެކަނި އަންހެން ދަރިކަނބަލުންނަށް ފިރިހެން ދަރިކަލެއް ލިބިވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައި ތައިލެންޑުގައެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމައިންގެ ހާލުކޮޅުވެސް ރަނގަޅެވެ.

ރައީސް ޔާމީނަށް ކާފަ ދަރިކަލަކު ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު އަނބިކަނބަލުން ފާތިމަތު އިބްރާޙިމް ވަނީ މިއަދު މެންދުރުފަހު ތައިލެންޑަށް ފުރާވަޑައިގެންފައެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސް ޔާމިންގެ ދެކަނބަލުންނާއި އާއިލާއަށް ޕީއެސްއެމްގެ ނަމުގައި ތަޙުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރަމެވެ.

ރައީސް ޔާމީންގެ ތިއްބަވަނީ ތިން ބޭފުޅުންނެވެ. އެއީ އަންހެން ބޭފުޅަކާއި ދެ ފިރިހެން ބޭފުޅުންނެވެ.