ކުޅިވަރު

ދެ މެޗުންވެސް މޮޅުވެ، ޔޫވީ ކުރިއަށް!


ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ޔުނައިޓެޑް ވިކްޓްރީ ތާވަލްގެ ކުރިޔަށް ޖެހިލައިފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓްރީގެ މައްޗަށް 2-1 ން ޔުނައިޓެޑް ވިކްޓްރީ ކުރި ހޯދީ ވިކްޓްރީ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށެވެ. މެޗުގެ ފުރަތަ މަހާފްގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފެއްދީ ވިކްޓްރީންނެވެ. ނަތީޖާއެއް ގޮތުން މެޗުގެ 45 ވަނަ މިނިޓްގައި ވިކްޓްރީގެ އަލީ ނާފިއު ދިން ބޯޅައަކުން ހަންގޭރީގެ ސިމޮން ވިކްޓަރީއަށް ލީޑް ނަގައިދިނެވެ. 

މެޗުގެ ދެވަނަ ހާފްގައި ވިކްޓްރީގެ ފަހަތަށް ކުޅެމުންއައި ސައްދާމް ހުސެއިން ޕެނެލްޓީ އޭރިޔާ ތެރެއިން ޔޫވީ ސެމިއުލްއަށް ކުރި ފައުލްއަކާ ގުޅިގެން ޔޫވީއަށް ލިބުނު ޕެނެލްޓީ ގޯލުތެރެއަށް ވައްދާލާ، މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލް މިޑްފީލްޑަރ ޕައުލޯއެވެ. މެޗުން ޔޫވީ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 78 ވަނަ މިނޓްގައި އަލީ ހައިޝަމްއެވެ. 

މެޗަށްފަހު ވާހަކަދައްކަމުން ޔޫވީގެ ކޯޗު މުހަންމަދު ނަޒީހު ބުނީ މެޗަށް ނުކުތީވެސް ވިކްޓްރީގެ ފަރާތުން އުނދަގޫތަކެއް ދިމާވާނެކަން އެނގިހުރެ ކަމަށާއި، ކަންވެގެންދިޔައީވެސް އެހެންކަމަށެވެ. ޔޫވީއަށް މެޗުގައި ދިމާވި އެންމެބޮޑު މައްސަލައަކީ ފުރަތަމަ ހާފްގައި އެޓީމްގެ ކުޅުންތެރިންނަށް ނެކުޅެވުން ކަމަށާއި، ދެވަނަ ހާފްގައި އޭނާ ގެނައި ބަދަލާއެކު ކުޅުން ރަނގަޅުވެ، މެޗު ކާމިޔާބުކުރިކަން ނަޒީހު ފާހަގަކުރިއެވެ.

" ދެވަނަ ހާފްގައި ގެނައި ބަދަލު ވޯކްކުރީ. ފުރަތަމަ ހާފްގައި ޔޫވީއަކަށް ކުޅުމަކަށްވާ ކަހަލަ ކުޅުމެއް ނުދެއްކުނު. ގެނައިބަދަލުގެ ސަބަބުން މެޗު ކާމިޔާބު ކުރެވުނީ." ނަޒީހު ބުންޏެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވިކްޓްރީގެ ކޯޗު ލާސްލޯ ކިސް ބުނީ މެޗުގެ ރެފްރީ ވަރަށް ގޯސްކަމަށާއި، ވިކްޓަރީއަށް މެޗުގައި ތިން ޕެނިލްޓީ ދޭންޖެހޭކަމަށެވެ.

" މިއަދު މެޗުގައި ރީނދޫ ޖާޒީ އެއް ލައިގެން ހުރިމީހާ (ރެފްރީ) ވަރަށް ގޯސް. އަހަރެން މިހުރީ ވަރަށް ދެރަވެފަ. އޭނާ އަހަރުމެންނަށް ތިން ޕެނެލްޓީ ދޭންޖެހޭ." މެޗަށްފަހު ކިސް ބުންޏެވެ.

ޔޫވީ ލީގުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ ވިހިވަނަ ދުވަހު ގްރީންއާ ދެކޮޅަށެވެ. ވިކްޓްރީ މިމަހުގެ އެގާރަ ވަނަ ދުވަހު ނިކުންނާނީ ޓީސީއާ ދެކޮޅަށެވެ.