ޚަބަރު

އިޖްތިމާޢީ ޚިދްމަތްތެރިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި


އިޖްތިމާޢީ ޚިދްމަތްތެރިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގެ ހަތަރު ވަނަ ބުރު ނިންމާލައިފިއެވެ. "ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް"  ޓްރޭނިންގ ކުރިއަށް ގެންދިއައީ މި މަހުގެ 25އިން މާރިޗު މަހުގެ 1ގެ ނިޔަލަށް ޗަންޕާ ސެންޓްރަލް ހޮޓަލުގައެވެ.

މިއީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި މަސައްކަތްކުރާ އިޖްތިމާޢީ ޚިދްމަތްތެރިންނަށް ޢަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މިނިސްޓްރީއާއި، އެފް.ސީ.އެސް.ސީތަކާއި މަރުކަޒުތަކުގެ ޖުމްލަ 20 މުވައްޒަފުން ބައިވެރިވިއެވެ. ފަސް ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާބެހޭ އެކި ފަރާތްތަކުން ސެޝަންތައް ނަންގަވައިދެއްވިއެވެ.

“ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޓްރޭނިންގ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ވެސް ޖުމުލަ 53 ސޯޝަލް ސަރވިސް ވަރކަރުން ތަމްރީނުކޮށްފައިވެއެވެ.