ޚަބަރު

ތެޔޮ ޓޭންކަރަށް މުވާސަލާތީ ޚިދުމަތް ބޭނުންކުރަން ހުއްދައެއް ނުދޭ


އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު މަނާ މުޢާމަލާތުތަކެއް ހިންގިކަމަށް ބުނާ އުޅަނދުގައި ޤާއިމްކޮށްފައިވާ މުވާސަލާތީ ވަޞީލަތަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވަޞީލަތެކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދޮގުކޮށްފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދު ވިދާޅުވިގޮތުގައި އުޅަނދުފަހަރުގައި ބޭނުންކުރަން އެ އޮތޯރިޓީގައި މުވާޞަލާތީ ޚިދުމަތަށް ރަޖިސްޓްރީކޮށްދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްކަމުގެ ލިޔުންތައް އެ އޮތޯރިޓީއަށް ހުށައެޅުމުންކަމަށެވެ. އަދި މަނާ މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ބުނާ އުޅަނދުގައި ބޭނުންކޮށްފައިވާ މުވާޞަލާތީ ވަޞީލަތަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްޗެއްނޫންކަމަށެވެ.

އެމް.އެމް.އެސް.އައި ނުވަތަ މެރިޓައިމް މޯބައިލް ސަރވިސް އައިޑެންޓިޓީއަކީ ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ 9 އަކުރުގެ ނަމްބަރެކެވެ. މި ނަންބަރަކީ ކޮންމެ ޤައުމަކަށް ވަކިން އެޤައުމެއްގެ އެކަމާ ޙަވާލުވެ ހުންނަ އިދާރާއަކުން ދޫކުރާ ނަމްބަރެކެވެ. ރާއްޖޭގައި މި ކަންކަން ބަލަހައްޓަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިންނެވެ.