ޚަބަރު

ހައްޤުތައް ހަނިވާނީ ޤާނޫނާ ޚިލާފުވާ މީހުންނަށް - ސާލިމް


ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި އޮތްނަމަވެސް ރައްޔިތުންގެ ޢާންމު އެއްވެސް ހައްޤެއް އުނިނުވާނެކަމަށާ، އެހެންނަމަވެސް އެއްވެސް އިރެއްގައި ޤާނޫނާ ޚިލާފުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޖެފްރީ ސާލިމް ވަޙީދު ވިދާޅުވެއްޖެއެވެ. 

ޖެފްރީ މިހެން ވިދާޅުވީ ތުރުކީވިލާތުގެ ޓީވީ ޗެނަލެއްކަމަށްވާ ޓީއާރުއީ ވޯލްޑްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން. މިޕްރޮގްރާމްގައި ޖެފްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

ތުރުކީވިލާތުގެ ޓީވީ ޗެނަލް ޓީއާރުޓީ ވޯލްޑްގެ ރައުންޑް ޓޭބަލް ޕްރޮގްރާމްގައި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާބެހޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ވަނީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޖެފްރީ ސާލިމް ވަޙީދާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލުގެ އިތުރުން ބޭރުގެ އެނަލިސްޓުންވެސް ބައިވެރިވެފައެވެ. 

މިޕްރޮގްރާމްގައި ދެންނެވި ސުވާލަށް ޖަވާބުދެމުން ސާލިމް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ހައްޤުތައް ހަނިވެފައިވާނީ ޤާނޫނާއި ޤަވައިދުތަކާ ޚިލާފުވާ ފަރާތްތަކަށްކަމަށެވެ. އަދި މިކަމުގެ އަސަރުކުރާނީ ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ބަޣާވަތްކުރުމުގައި ފެބްރުއަރީ 1ގައި ބައިވެރިވެފައިވާ ފަރާތްތަކަށްކަމަށްވެސް ސާލިމް ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާއާއި އިންޑިއާ އޮންނަ ގުޅުމާބެހޭ ގޮތުން މި ޕްރޮގްރާމުގެ ޕްރެޒެންޓަރާއި އެނަލިސްޓުން ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުން ސާލިމް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ޤާނޫނާއި ޤަވައިދުގެ ހަމަތަކުގެ މަތިން ކޮންމެ ޤައުމެއްގެ ކޮންމެ ކުންފުންޔަކަށްވެސް އޮންނާނެކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއް ޗައިނާ ސަރުކާރަށް ވިއްކާލާފައި ނުވާނެކަމަށާއި އެފަދަ ގޮތްގޮތަށް ބަޔަކު ފަތުރަމުންދާ ވާހަކަތަކީ ކަނޑައެޅިގެން ދޮގެއްކަން ސާލިމް ހާމަކުރެއްވިއެވެ. 

މިޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ސަރުކާރުން މައްސަކަތްކުރަމުންދަނީ ޝަރުޢީ ދާއިރާއާއި ރާއްޖޭގެ އެހެނިހެން މުއައްސަސާތެރޭގައި ހުރި މައްސަލަތައް ޙައްލުކޮށް ސިޔާސީ ހަމަޖެހުން ޤާއިމްކުރުމަށްކަމަށެވެ. ޑރ. ޢަބްދުﷲ ޚަލީލް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވީނަމަވެސް އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތްކަމަށެވެ. ނަމަވެސް އެއްވެ އުޅޭއިރު ޤާނޫނާ ޤަވާޢިދުތަކާ ޚިލާފުވެ، ހަމަނުޖެހުން ހިންގަން އުޅޭނަމަ ސަލާމަތީ ބާރުތަކުން އެކަންތައް ހުއްޓުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސާލިމް ވަނީ ކަނޑު ބޯޓެއްގައި ރާއްޖޭގެ ދިދަ ޖަހައިގެން ބަޔަކު ޤާނޫނާ ޚިލާފު މުޢާމަލާތްތަކެއް ހިންގި މައްސަލާގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބަލަމުންދާކަމަށެވެ. އަދި މިބޯޓަކީ ދުވަހަކުވެސް ރާއްޖެ ރެޖިސްޓްރީކޮށްފައިވާ ބޯޓެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.