ޚަބަރު

އެންއައިސީގެ ރައީސްކަމަށް ސުލައިމާން އައްޔަންކޮށްފި




ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އެންއައިސީގެ ރައީސްކަމުގެ މަޤާމަށް އަހުމަދު ސުލައިމާން އައްޔަންކުރައްވާ އެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އޭނާއަށް އަރުވައިފިއެވެ. 

ސުލައިމާނަށް ފަތްކޮޅު އެރުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައިއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި އަޙުމަދު ސުލައިމާން  އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ ބޭއްވި ޖަލްސާގައި ބައިވެރިވި 32 މެމްބަރުންގެ ވޯޓުންނެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ ގާބިލް ބައެއް ކަމަށް ކޮމިޓީން ކަނޑައަޅަނީ މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ކޮމެޓީ ރިޕޯޓުގައިވާ ގޮތުގައި ސުލައިމާނަށް 75.89 ޕަސެންޓް މާކުސް ވަނީ ލިބިވަޑައިގެންފައެވެ. ސުލައިމާނަށް އެ ވަރަށް މާކުސް ލިބިވަޑައިގަތީ އޭނާގެ ތަޢުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ޤާބިލުކަމާއި ހުނަރަށް ބެލުމަށް ފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށްފަހު ސުލައިމާން އެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުއެވެ. ނަމަވެސް ސުލައިމާން އެ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އެންއައިސީގެ މެމްބަރ ކަމަށާއި އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމަށް ސުލައިމާން ޢައްޔަން ކުރައްވާފައިމިވަނީ އެ މަޤާމުގައި ހުންނެވި ޔޫސުފް މާނިޢު އެ މަޤާމުން ވަކިކުރުމުންނެވެ.