ޚަބަރު

ޤާސިމްގެ ފައިސާގެ މައްސަލަތައް އަވަަހަށް ނިންނަވާ - ޕީޕީއެމް


ކޯޓުތަކަށް ހުށަހަޅާފައިހުރި، ޤާސިމް އިބްރާހިމްގެ ފައިސާގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމާ އެފައިސާ ދައުލަތަށް ލިބޭނެގޮތް ހަދައިދިނުމަށް ޕީޕީއެމުން ގޮވާލައިފިއެވެ. 

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ނައިބްރައީސް ފޮނަދޫދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޤާސިމް އިބްރާހީމް ދައުލަތައް ދައްކަންޖެހޭ އެތައް މިލިޔަން ޑޮލަރެއް ނުދައްކާ އެފައިސާ އެހެން ކަންކަމަށް ޚަރަދުކުރަމުން ގެންދާކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ދައުލަތައް ލިބެންޖެހޭ ފައިސާ ތައްތަނުގައި ހިފެހެއްޓިފައިހުރުމަކީ މި މަސައްކަތައް އެޅޭ ވަރަށް ބޮޑު ހުރަހެއްކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. 

ޤާސިމް އިބްރާހީމް ދައުލަތައް ދައްކަންޖެހޭ ފައިސާގެ މައްސަލައް މިހާރުވެސް ކޯޓްތަކުގައި ހިނގަމުންދާކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ، މި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމަވައި މި ފައިސާ ދަޢުލަތަށް ލިބޭގޮތް ހަދައިދިނުމަކީ ޕީޕީއެމްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. 

"ޝަރުޢީ ދާއިރާގެ ކޯޓުތަކަށް ގޮވާލަން ތިޔަ ކޯޓުތަކަށް ހުށައެޅިފައިހުރި ޤާސިމް އިބްރާހިމްގެ ފައިސާގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމަވާ އެފައިސާ ދަޢުލަތަށް ލިބޭނެގޮތް ހައްދަވައިދެއްވާށޭ. އަޅުގަނޑުމެންގެ މިސަރުކާރަކީ ވަރަށް ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ކުރަންބޭނުންވާ ސަރުކާރެކޭ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކީ ފޯރުކޮށްދީ ރައްޔިތުން އުފާވެރި ދިރިއުޅުމެއްގައި އުޅެވޭނެ މަގު ތަނަވަސްކޮށްދެން މިސަރުކާރުން މަސައްކަތްކުރާއިރު، ދަޢުލަތަށް ލިބެންޖެހޭ ފައިސާ ތަންތާންގައި ހިފެހެއްޓިފައި ހުރުމަކީ އަޅުގަނޑުމެންގެ މަސައްކަތަށް އެޅޭ ވަރަށްބޮޑު ހުރަހެއް". ޕީޕީއެމްގެ ނާއިބްރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރުން މަޝްވަރާއަށް ހުޅުވާލާފައިވާއިރު އެއްވެސް ޝަރުޠެއް ކުރިމަތިނުކޮށް ސަރުކާރާ މަޝްވަރާކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާކަމަށެވެ. އަދި މަޝްރަވާގެ މޭޒަށް އައުމަށް އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރިމަތިކުރުވަނީ ވަކިކަމެއް ޙާސިލްކުރަންކަމަށާއި، ކަންކަން ޙާސިލްކުރަންޖެހޭނީ މަޝްވަރާގެ މޭޒުންކަމަށް އޭނާ ވިދާޅުވިއެވެ.