ވިޔަފާރި

ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދާއިރާވަނީ ވަރަށްބޮޑަށް ކުރިއަރާފައި


މީގެ ވިހި އަހަރު ކުރިއާ އަޅާބަލާއިރު މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދާއި، ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ދާއިރާ ވަރަށްބޮޑަށް ތަރައްޤީވެފައިވާކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، މިއަދު ރާއްޖޭގައި އިންވެސްޓްމަންޓްތަކަށް ފައިނޭންސް ހޯދުމުގެ ބޭނުންތަކާ އަދި ފައިނޭންސް ކުރެވޭނެ ވަރަށްބޮޑަށް ބަދަލުވެފައިވާކަމަށެވެ.

ޕެންޝަން އޮފީހުގެ ފަންޑުގައިވާ 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ އާއި އަދި އެމްއެމްއޭގެ ފަރާތުން ސަރުކާރަށް މެނޭޖްކޮށްދެއްވަމުން ގެންދަވާ ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް އެކަނި ބަލާލިކަމުގައި ވިޔަސް ރާއްޖޭގައި އެކި ބާވަތްތަކުގެ ސެކިއުރެޓީސްއަށް ކެޕިޓަލް މާކެޓްގެ ޕްރޮޑަކްޓްތަކަށް އިންވެސްޓް ކުރުމުގެ ބޭނުން ފެންނަކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ނަސީރު ވިދާޅުވީ، ރާއްޖޭގެ ކެޕިޓަލް މާކެޓްތަރައްޤީކުރުމަށްޓަކައި އަދި ކެޕިޓަލް މާކެޓްގައި ތަފާތު ސެކިއުރެޓީސްގެ ޕްރޮޑަކްޓްތައް ތައާރަފްކުރުމަށް މަގުފަހިކޮށްދިނުމުގެ ހާއްސަ މަޝްރޫޢުއެއް ފައްޓަވާފައިވާކަމަށެވެ. މިއީ ސަރުކާރުގެ ސެކިއުރެޓީސް، ނުވަތަ ޓްރެޒަރީ ބިލާއި ބޮންޑް އާންމު ރައްޔިތުންނަށާއި، ވަކިވަކި ފަރުދުންނަށާއި، ކުންފުނިތަކަށް ސެކަންޑަރީ މާކެޓްގައި ގަނެ ވިއްކޭނެ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެމްއެމްއޭއިން ފައްޓަވާފައިވާ މަސައްކަތެއްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

" މި ޕްރޮޖެކްޓްގެ ދަށުން މިއަހަރުގެ ތެރޭގައި ސެންޓްރަލް ޑިޕޮސިޓަރީއެއް ޤާއިމްކުރެވި އަދި ޓްރޭޑިންގ ސިސްޓަމެއްވެސް ޤާއިމްކުރެވިގެން ޓެކްނޮލޮޖީގެ ބޭނުންކުރެވިގެން އާންމު ފަރުދުންނަށާއި އަދި ކުންފުނިތަކަށް ސަރުކާރުގެ ދިގުމުއްދަތުގެ ޓްރެޒަރީ ބޮންޑް ގަނެވިއްކޭނެ އިންތިޒާމް ހަމަޖެއްސޭތޯ އެމްއެމްއޭއިން މަސައްކަތްކުރަމުންދަނީ،. މިކަމުގެ ބޭނުމަކީ އެންމެފުރަތަމަ ސްޓޭޖްގައި އެމްއެމްއޭއިން މިފަދަ ޑިޕޮސިޓަރިއަކާއި އަދި ޓްރޭޑިންގ ސިސްޓަމެއް މެނޭޖުކުރިކަމުގައިވީނަމަވެސް އުއްމީދަކީ ކުރިއަށްއޮތްތަނުގައި މި ޑިޕޮސިޓަރީ ސިސްޓަމް އަދި މި ޓްރޭޑިންގ ސިސްޓަމް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާ ހަވާލުކުރެވިގެން ރާއްޖޭގެ ޝެއާޒް އަދި ސްކޫކް އަދި ބޮންޑް ފަދަ ތަކެތި މި ޑިޕޮސިޓަރީ ބޭނުންކުރެވިގެން ޓްރޭޑް ކުރެވިގެން ދިއުން." ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، އެމްއެމްއޭގެ ދިގު މުއްދަތުގެ އަމާޒުތަކުގެ ތެރޭގައި ކޯޕަރޭޓް ބޮންޑާ ސްކޫކް އަދި ވިޔަފާރިތަކުގެ ސެކިއުރެޓީސް  ކުންފުނިތަކުގެ ސެކިއުރެޓީ ރާއްޖޭގައި ސެކަންޑަރީ މާކެޓްގައި ގަނެވިއްކޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ހިމެނޭކަމަށެވެ.

މިގޮތުން މިކަންކަން ހާސިލްކުރުމަށް އެމްއެމްއޭގެ ފަރާތުން މިހާރު ކުރަމުންދާ އެންމެބޮޑު އެއް މަސައްކަތަކީ، ދިވެހިރާއްޖޭގައި ޕޭމަންޓް ސިސްޓަމް ނުވަތަ ފައިސާ ދެއްކުމުގެ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތްކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ، "މޯލްޑިވްސް ޕޭމަންޓް ސިސްޓަމް" ނަމުގައި މަޝްރޫޢުއެއް ފައްޓަވާފައެވެ. މިކަމަށްޓަކައި އެމްއެމްއޭއިން ވަނީ، ދާދިފަހަކުން ބައިނަލްއަޤްވާމީ ކުންފުނިތަކާއިއެކު ފޯރަމެއްވެސް ބާއްވާފައެވެ. 

މި ފޯރަމުގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކަށް ކުރެވިގެންދިޔައީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ފައިސާގެ ނިޒާމް ނުވަތަ ޕޭމަންޓްސް އިކޮނޮމިކް ޓްރާންސްސެކްޝަންސް ތަކަކަށް ފައިސާ ދެއްކުމުގެ ނިޒާމް ޤާއިމްކުރެވިފަ ނުވަތަ ބައްޓަންކުރެވިފަ ވަނީ ކިހިނެތްތޯ ބެލުންކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ކެޕިޓަލް މާކެޓްގެ ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ، 1998 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތުގެ ދަށުން އެންމެ ފާހަގަކޮށްލެވެނީ، 2008 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖެވެ.