ޚަބަރު

"ތަމްރީން ތަކުގައި ބައިވެރިނުވަނީ މިހާރުގެ ޙާލަތާ ގުޅިގެން"


އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަނޑުގެ އަސްކަރީ ތަމްރީނުތަކުގައި ދިވެހިރާއްޖޭން ބައިވެރިނުވާން ނިންމީ ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތާ ގުޅިގެންކަމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބުނެފިއެވެ.

ދިވެހިރާއްޖެއިން އިންޑިއާގެ ތަމްރީނުތަކުގައި ބައިވެރިނުވާ ސަބަބާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ދޮގު މަޢުލޫމާތު ފަތުރަމުންދާތީ އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ބައެނިއަލް ނޭވަލް އެކްސަސައިސް މިލާން" ގައި ބައިވެރި ނުވާން ރާއްޖެއިން ނިންމީ ޤައުމަށް މިހާރު ދިމާވެފައިވާ ސިޔާސީ ޙާލަތުގެ ސަބަބުން އަސްކަރީ ސިފައިންގެ ޚިދުމަތް ކުއްލި ނުރައްކަލުގެ މިދަނޑިވަޅުގައި ޤައުމަށް މުހިއްމު ކަމުގައި ދެކޭތީ ކަމަށެވެ.

މިފަދަ ޙާލަތެއްގައި ދިމާވެދާނެ ކޮންމެ ކަމަކަށް ހުރިހާ ސިފައިން ތައްޔާރުވެ ޤައުމުގައި ތިބެން ޖެހޭކަން ފާހަގަކުރަމުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދަނޑިވަޅުގައި އަސްކަރީ ތަމްރީނުތަކުގައި ބައިވެރިނުވުމަށް ނިންމި ނިންމުމަކީ އާދަޔާ ޚިލާފު ކަމެއްނޫން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭއިން ބައިވެރިވާ އޮފިސަރުން ބައިވެރިވާނީ އޮބްޒާވަރުންގެ ގޮތުގައިކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިންޑިޔާއާއި ރާއްޖެއަކީ ދިގު ތާރީޚެއްގެ މައްޗަށް ބިނާވެފައިވާ ބަދަހި ދިފާޢީ އަދި އަސްކަރީ ގުޅުން އޮންނަ ދެ ޤައުމު ކަމަށާއި މިގުޅުން މިގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން އަބައޮތް ކަމަށް ބުނެފައިވެއެވެ.

"ބައެނިއަލް ނޭވަލް އެކްސަސައިސް މިލާން" އަކީ މަރޗު މަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތަކެކެވެ.