ޚަބަރު

"ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާނެ"


ދިވެހި ރައްޔިތުންގެ އަސާސީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ސަރުކާރަށް ކުރެވުނު ހުރިހާ ކަމެއް ކުރާނެކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 37 ވަނަ ސެޝަންގެ މަތީފެންވަރުގެ ބައްދަލުވުގައި ދިވެހިރާއްޖެ ތަމްސީލްކުރައްވާ ވާހަކަދައްކަވަމުންނެވެ.



އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމައާ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން ސުޕްރީމްކޯޓުން 1 ފެބްރުއަރީގަ ނެރުނު އަމުރާ ގުޅިގެން ޤާނޫނު އަސާސީގެ ހުދޫދުތައް އޮޅުންބޮޅުން ވެގެންދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރަންޖެހުނީ މިޙާލަތުން އަރައިގަތުމަށްކަމަށާއި މި ޙާލަތުގައިވެސް ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބެންޖެހޭ ޙައްޤުތައް ފުރިހަމައަށް ލިބިދެމުންދާކަމަށެވެ. އަދި ދިވެހިރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ފާސްކުރިފަހުން މިވީ 10 އަހަރުގެ ތެރޭގައި ދިމާވި ކަންކަމަށް ބަލާއިރު، ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނު އަސާސީއަށް 10 އަހަރު ފުރުމާގުޅިގެން ޤާނޫނުއަސާސީގެ ރިވިއުއެއް ހަދާ، ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ތައްޔާރު ވަމުންދާކަމަށެވެ.

މީގެ އިތުރުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ބައިވެރިވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢާއި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވިއެވެ.

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 37 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްގެ އިތުރުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހާލާ ހަމީދު ހިމެނި ވަޑައިގަންނަވައެވެ.