ވިޔަފާރި

ޓެކްސް ޕޭޔަރުންނަށް އެހީވުމަށް މީރާގެ ޓީމްތައް އަތޮޅުތަކަށް ދަނީ


ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް މީރާގެ ޓީމުތައް އަންނަ މާރޗް މަހު އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރުމަށް ނިންމައިފިއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ، އަންނަ މާރޗްމަހުން ފެށިގެން އޭޕްރިލްމަހުގެ ނިޔަލަށް ކުރާ މި ދަތުރުގައި 10 އަތޮޅެއްގެ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. 

ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ޓެކްސްދައްކާ ފަރާތްތަކަށް އެހީތެރިވުމަށް މީރާގެ ޓީމްތައް ދިއުމަށް ހަމަޖެހިފައިވަނީ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، އަދި ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ކޮމްޕްލަޔަންސް މޫސާ ޙަލީމް ވިދާޅުވީ، މި ދަތުރުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.